ޓްރަމްޕް ޕާކިސްތާނަށް ތާއީދުކުރުމުން އެމެރިކާ-އިންޑިއާ ގުޅުމަށް ނޭދެވޭ އަސަރު

އިންޓަރނޭޝަނަލް ސެންޓަރ ފޯރ ޕީސް ސްޓަޑީޒް (އައި.ސީ.ޕީ.އެސް)ގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕާކިސްތާނަށް ތަކުރާރުކޮށް ތާއީދުކޮށް ވާހަކަ ދެއްކުމާއި އިންޑިއާގެ މައިގަނޑު ކަންބޮޑުވުންތަކަށް އަހަންމިއްޔަތުކަން ނުދިނުމުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި މިދިޔަ  ވިއްސަކަށް އަހަރުގެ ތެރޭގައި އާލާވި ގިނަ ދުވަހުން ބިނާކުރެވިފައިވާ އިސްތިރާޖީ ގުޅުމަށް ބޮޑު ލޮޅުމެއް ވަނީ އައިސްފައެވެ.

އެމެރިކާގެ ރައީސުން ކަމުގައިވާ ކްލިންޓަން، ބުޝް އަދި އޮބާމާގެ ވެރިކަމުގައި އިންޑިއާގެ ހައްސާސް ކަންތައްތަކަށް އިހްތިރާމްކޮށް، ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް ބިނާކުރެވިގެން ދިޔައެވެ. ނަމަވެސް ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން މި ގުޅުމަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ މި ސިޔާސަތުގެ ސަބަބުން ޕާކިސްތާނަށް ހިތްވަރު ލިބި އެ ގައުމުގެ އާމީ ޗީފަށް އެމެރިކާގައި ހުރެ އިންޑިއާއަށް ނިއުކްލިއާ ބިރުދެއްކުމުގެ ފުރުސަތު ލިބުނެވެ. މިއީ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތާރީޚުގައި ވެސް ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމުގައި ބެލެވެއެވެ.

އިންޑިއާގެ ޑިޕްލޮމެޓުން މިހާރުގެ ގުޅުންތައް އަޅާކިޔަނީ ފިނި ހަނގުރާމައިގެ ދުވަސްވަރުގެ ހާލަތާ އެވެ. އެއިރުވެސް ޗައިނާއިން ވަނީ އިންޑިއާއާ ދެމެދު އޮތް ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރަން ފަށާފައެވެ. އެގޮތުން އެމެރިކާގެ ޓެރިފްތަކަށް ފާޑުކިޔައި، އިންޑިއާގެ ލީޑަރޝިޕަށް ތަޢުރީފުކުރަމުންދެއެވެ.

ރިޕޯޓުގައި އެމެރިކާއަށް އިންޒާރުދެމުން ބުނެފައިވަނީ އިންޑިއާ ބަލިކަށިކުރުމަކީ އެމެރިކާގެ އިންޑޯ-ޕެސިފިކް ސިޔާސަތަށް ހުރަސްއެޅޭނެ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ޗައިނާ އަދި ޕާކިސްތާން ފަދަ ވާދަވެރި ގައުމުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!