އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔުކްރެއިންއާ މެދު ގެންގުޅޭ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ޚާއްސަކޮށް ޔޫރަޕާއި އޭޝިއާގެ ގައުމުތަކުން މިކަމާ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
ރަޝިއާގެ ރައީސް ވްލަދިމިރް ޕުޓިންއާއެކު އެލާސްކާގައި ބޭއްވި ސަމިޓާ ގުޅިގެން، ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަށް ޓްރަމްޕ ފިއްތަމުންދާ ކަމަށް ބެލެވެނީ ސަރަހައްދީ ގޮތުން ރަޝިއާއަށް ދޫދިނުމަށް ޓްރަމްޕް އެއްބަސްވުމުންނެވެ. މިކަމަކީ އެމެރިކާގެ ބައިނަލްއަޤްވާމީ ސިޔާސަތަށް އައި ބޮޑު ބަދަލެއް ކަމުގައި ސިޔާސީ މާހިރުން ފާހަގަކުރެއެވެ.
ޔުކްރެއިންއަށް 90 ބިލިއަން ޑޮލަރުގެ ސެކިއުރިޓީ ޕެކޭޖެއް ހުށަހެޅުމާއެކު، އެމެރިކާގެ އެހީތެރިކަން ކުރިމަގުގައި ވިޔަފާރީގެ މުޢާމަލާތަކަށް ބަދަލުވެގެން ހިނގައި ދާނެ ކަމުގެ ފާޑުކިޔުންތައް އިތުރުވެފައިވެއެވެ. މި ދަނޑިވަޅުގައިވެސް ރަޝިއާއިން ޔުކްރެއިންގެ އިންފްރާސްޓްރަކްޗަރއަށް މިސައިލް ހަމަލާ ދެމުން ގެންދެއެވެ.
2022 އިން ފެށިގެން ޔުކްރެއިންގެ ދިފާޢަށް އެމެރިކާއާއެކު ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ޔޫރަޕް، މިހާރު ވަނީ އެމެރިކާގެ ޔުކްރެއިންގެ ސިޔާސަތު ފަސްޖެހުމުގެ ސަބަބުން އުފެދިފައިވާ ހުސްކަން ފުރުމަށް މަސައްކަތްކުރަން ޖެހިފައެވެ. ނޭޓޯގެ އެއްބައިވަންތަކަމަށް ބުރޫއަރަމުންދާއިރު، ވޮޝިންގްޓަންގެ ލީޑަރޝިޕްގެ މައްޗަށް އޮތް އިތުބާރު ވެސް އަނެއްކޮޅުން ދަނީ ކުޑަވަމުންނެވެ.
މި ހާލަތުގައި ޗައިނާއިން ދަނީ ސްޓްރެޓެޖިކް ގޮތުން މިވަގުތުގެ ހާލަތު ދިރާސާކުރަމުންނެވެ. ނޭޓޯ ބަލިކަށިވެ، ޔުކްރެއިން ނާޒުކު ހާލަތެއްގައި އޮތުމަކީ ޓައިވާނާ މެދު ޗައިނާއިން ލޯއަޅަމުން ދިއުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބެލެވެއެވެ. އަދި މިކަމުން ދޭހަވަނީ އެމެރިކާއަކީ އިތުބާރުހުރި ބާރެއްގެ ގޮތުގައި ގައުމުތަކުން ނުދެކޭނެ ކަމެވެ.







