ޗައިނާގެ ފޮރިން މިނިސްޓަރ ވޭންގ ޔީއާއެކު ބޭއްވުނު ހައި-ލެވެލް ޑިޕްލޮމެޓިކް މަޝްވަރާތަކަށް ފަހު، ޓައިވާނާ މެދު އިންޑިއާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ ޤައުމުން ވަނީ އަލުން ތަކުރާރުކޮށް ބުނެފައެވެ. ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ އެސް. ޖައިޝަންކަރ ޤަބޫލުކުރައްވާކަމަށް ޗައިނާގެ ސަރުކާރުގެ މީޑިއާއިން ބުނެފައިވީ ނަމަވެސް، އިންޑިއާގެ ސަރުކާރުގެ ފަރާތްތަކުން ވަނީ އެކަން ސާފުކޮށްދީފައެވެ.
އިންޑިއާގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި، "ޓައިވާނާ މެދު އަޅުގަނޑުމެންގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުމެން ދެ ފަރާތަށް ފައިދާހުރި ދާއިރާތަކުގައި ގުޅުން ކުރިއަށް ގެންދާނަން."
ނިއު ދިއްލީގައި ބޭއްވުނު މި ބައްދަލުވުމުގައި ދެ ޤައުމުގެ ބޯޑަރު ސަރަހައްދުގެ ހަމަޖެހުމާއި، ވިޔަފާރިއާއި، ސަރަހައްދީ އެއްބާރުލުން ފަދަ ކަންކަމާ މެދުވެސް މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ޖައިޝަންކަރ ވަނީ ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން ބައްޓަންކުރުމުގައި "އެއްފަރާތުން އަނެއް ފަރާތަށް އިހްތިރާމްކުރުމާއި، އެކަކު އަނެކަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެކަކު އަނެކަކުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ" މުހިންމުކަން ފާހަގަކުރައްވާފައެވެ.
ވޭންގ ޔީގެ މި ދަތުރުފުޅަކީ މި މަހުގެ ފަހުކޮޅު ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ކުރެއްވި ދަތުރުފުޅެކެވެ. ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ތާ 75 އަހަރު ފުރުން ފާހަގަކުރަމުން، ދެ ފަރާތުންވެސް ވަނީ އެއްބާރުލުން އިތުރުކުރުމާ މެދު އުންމީދީ ވާހަކަތަކެއް ދައްކާފައެވެ.





