އެމެރިކާގެ ބޭސް ސަޕްލައި ޗޭންގައި އެންމެ ބޮޑު ކަންބޮޑުވުމަކީ، ޗައިނާއށް ބަރޯސާ ކުރަން ޖެހުމެވެ. ބޭސް އުފެއްދުމަށް ކޮންމެހެން ބޭނުންވާ ރޯ ކެމިކަލް މާއްދާތައް ހޯދުމަށް އެމެރިކާއިން ޗައިނާއަށް ބަރޯސާވެފައިވާކަން އައު ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ދުނިޔޭގެ ގައުމުތަކަށް އުފެއްދުންތައް ބެހިފައިވާ ގޮތުން ޚަރަދުތައް ދަށްވި ނަމަވެސް، އެކަމާއެކު ބޮޑެތި ނުރައްކާތަކެއް ވެސް ތައާރަފް ވެގެން ގޮސްފައިވާ ކަން ވަނީ ހާމަވެފައެވެ. މިކަންކަމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، ފާރަވެރިވުންދަށްވުމާއި ސުވާލު އުފެދޭ ބާވަތުގެރ އުފެއްދުމުގެ މިންގަނޑުތަކާއި ސްޓްރެޓެޖިކް ގޮތުން ޗައިނާއަށް ބަރޯސާވަމުން ދިއުމެވެ.
މިހާރު ޗައިނާއިން ފޯރުކޮށްދެނީ އެކްޓިވް ފާމަސިއުޓިކަލް އިންގްރިޑިއެންޓްސް (އޭޕީއައި) ސިންތެސައިޒް ކުރުމަށް ބޭނުންކުރާ ކެމިކަލް ބިލްޑިންގ ބްލޮކްތަކުގެ ބޮޑު ބައެއް ކަމަށްވާ ރިއޭޖެންޓްސް، ސޮލްވެންޓްސް އަދި ކީ ސްޓާޓިން މެޓީރިއަލްސް އެވެ. މި ތަކެތީގައި ޗައިނާގެ މާއްދާތައް ފިޔަވައި އެހެން ބަދީލީ މަސްދަރުތަކެއް ނެތުމުން އެމެރިކާގެ ނިޒާމުގެ ދޭސީކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.
ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާއިން އިމްޕޯޓްކުރާ އައިބޫޕްރޮފެންގެ %95، ހައިޑްރޯކޯޓިސޯންގެ %91، އެސިޓަމިނޯފެންގެ %70، އަދި ޕެނިސިލިންގެ %45 އާ ހަމައަށް އުފައްދައި ދެނީ ޗައިނާއިން ކަމަށެވެ. އަދި މިއަށްވުރެ އެމެރިކާއިން ކަންބޮޑުވާ ކަމަކީ ނުސީދާ ގޮތެއްގައި ޗައިނާއަށް މި މާއްދާތައް ހޯދުމަށް ބަރޯސާވުމެވެ:
އެމެރިކާއަށް ގިނަ ޖެނެރިކް ބޭސްތައް އިންޑިއާއިންވެސް ފޯރުކޮށްދެއެވެ. އިންޑިއާއިން ވެސް ގާތްގަނޑަކަށް %70 އެޕީއައި ޗައިނާއިން އެތެރެކުރެއެވެ. މާނައަކީ ގިނަ “މެއިޑް އިން އިންޑިއާ” ބޭސްތަކަކީ ޗައިނާގގެ ސަޕްލައި ޗެއިންއާ ވަރަށް ފުންކޮށް ގުޅިފައިވާ ބޭސްތަކެކެވެ.
ބްރޫކިންގްސް އިންސްޓިޓިއުޝަންގެ 2025 ވަނަ އަހަރުގެ ތަހުލީލުން އިންޒާރު ދީފައި ވަނީ އެޕީއައި އުފެއްދުން އެމެރިކާއަށް ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އަދި ކެމިކަލް އުފެއްދުންތައް އެކި މާކެޓްތަކަށް ތަފާތު ނުކޮށްފިނަމަ އެމެރިކާއަށް ކުރިމަތިވާން އޮތް ރިސްކް ނައްތާނުލެވޭނެ ކަމަށެވެ.
ރައީސް ޓްރަމްޕް ގެއ ސަރުކާރުން އަޅާނެ ފިޔަވަޅުތައް އިތުރުކުރުމުގެ އިންޒާރު ދެއްވަމުން ގެންދަވާއިރު، ތަޖުރިބާކާރުން އިލްތިމާސް ކުރައްވަނީ އެމެރިކާގެ އަމިއްލަ ގާބިލްކަން އަލުން ބިނާކޮށް، ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމަށް ފުރިހަމަ ސްޓްރެޓެޖީއެއް އެކުލަވާލާށެވެ. އެހެން ނޫންނަމަ، އެމެރިކާގެ ބޭސްވެރިކަމުގެ ނިޒާމަށް ބުރޫއެރުމާއި ބަލިމީހުންގެ ސަލާމަތަށް ގެއްލުން ލިބުމުގެ ފުރުސަތު ދެމިއޮތް ކަމަށް ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.







