އާންމު މަޖިލީހުގެ ޖަލްސާއަށް ދާ ފަލަސްޠީނު ވަފްދަށް ވިޒާ ނުދޭން ނިންމައިފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިއުލާން ކުރި ގޮތުގައި، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްގެ އިތުރުން ފަލަސްޠީނުގެ އިތުރު 80 އިސް ވެރިންނަށް އެމެރިކާއަށް ވަނުމަށް ވިޒާ ދޫނުކުރަބް ނިންމައިފިއެވެ. މި ނިންމުމުގެ ސަބަބުން، ކުރިއަށް އޮތް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ އަހަރީ ބައްދަލުވުމުގައި ފަލަސްޠީނުގެ ވަފުދަށް ބައިވެރިއެއް ނުވެވޭނެއެވެ.

މި ނިންމުމާ ގުޅިގެން ރައީސް މަޙްމޫދު އައްބާސްގެ އޮފީހުން ބުނެފައިވަނީ، "އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ނިންމުމެއް" ކަމަށެވެ. އެމެރިކާގެ އިދާރާތަކުން "މި ނިންމުން އަނބުރާ ގެންގޮސް، ފަލަސްޠީނުގެ ވަފުދަށް އެޤައުމަށް ވަނުމަށް ހުއްދަ ދޭންޖެހޭނެ" ކަމަށެވެ.

އެމެރިކާއިން މި ނިންމުން ނިންމާފައިވަނީ ނަސްލު ނައްތާލުމުގެ ހޮލޮކޯސްޓް އޮޕަރޭޝަނެއް ހިންގާ ޔަހޫދީންގެ ފަރާތުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށް ބެލެވެއެވެ. އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ފްރާންސް އަދި ސަޢޫދީ އަރަބިއްޔާގެ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގައި އެތައް ގައުމަކުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައި ގަންނާނެ ކަމަށް ބެލެވެއެވެ.

ފަލަސްޠީނުގެ އިސް ޑިޕްލޮމެޓުންގެ ފަރާތުން ބުނެފައިވަނީ، ފަލަސްޠީނުގެ އަޑު ކަނޑުވައި ނުލެވޭނެ ކަމަށެވެ. އަދި ފަލަސްޠީނަކީ މިހާރުވެސް 147 ޤައުމަކުން ގައުމެއްގެ ގޮތުގައި ބަލައިގަނެފައިވާ ތަނެއް ކަމަށެވެ. އަދި އެމެރިކާގެ މި ބިރުދެއްކުން ނިމުމަކަށް ގެނެވޭނެ މިންވަރަށް ފަލަސްޠީނަށް ތާއީދު ކުރާ މެމްބަރު ގައުމުތައް އެބަތިބި ކަމަށެވެ.

މިއީ އެމެރިކާއިން ތަކުރާރުކޮށް ބައިނަލްއަގްވާމީ ގާނޫނާ ޚިލާފުވަމުންދާކަން ދައްކައިދޭ ހެއްކެކެވެ. އެމެރިކާއިން އެހެން ގައުމުތަކަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ފިލާވަޅުތައް ނަގައި ދެމުންދާއިރު އަމިއްލައަށް އެ ޤާނޫނާ ޚިލާފުވަމުންދާކަން ފާހަގަ ކުރެވޭ ކަމަށް ފަލަސްޠީނަށް ތާއީދު ކުރާ ގައުމުތަކުން ވަނީ ބުނެފައެވެ. ސްޕެއިންގެ ބޮޑު ވަޒީރު ވަނީ އެމެރިކާގެ އަނިޔާވެރި ނިންމުމާ ދެކޮޅަށް ސްޕެއިންއިން ފަލަސްޠީނަށް ތާއީދު ކުރާނެ ކަމަށް ވިދާޅުވެފައެވެ. މުހައްލިލުން ދެކޭ ގޮތުގައި މިކަމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްޠީނަށް އިތުރު ޤައުމުތަކުގެ ތާއީދު ލިބި، އެމެރިކާގެ އިތުބާރު ގެއްލި، ދުނިޔޭގެ ކުރިމަތީގައި އެކަނިވެރިވެގެންދާނެ ކަމަށް ލަފާކުރެއެވެ.

ހިއްސާ ކުރައްވާ!