އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުވެއްްޖެ ކަމަށް ބުނާ ޚަބަރު ސޯޝަލް މީޑިއާގައި ފަތުރައި، ޓްރަމްޕް ގެއްލިފައިވާ ކަމަށް މީހުން ވަނީ ބުނަން ފަށާފައެވެ. މި ވާހަކަތައް ފެތުރެން ފެށީ ރައީސް ޓްރަމްޕް މީޑިއާއިން ގެއްލުމާއި، އޭނާގެ ނައިބު ޖޭޑީ ވެންސް ގެ ބަޔާންތަކުގައި، ބޭނުން ޖެހިއްޖެ ހިނދެއްގައި ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައިވުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ޓްރަމްޕް މަރުވެއްޖެ ކަމަށް ބުނެ ފަތުރާފައިވާ ވާހަކަތަކާ ހެދި "ޑޮނަލްޑްޓްރަމްޕް" ވަނީ ވައިރަލްވެފައެވެ. މިވާހަކަ ބޮޑަށް ފެތުރެން ފެށީ ވައިޓް ހައުސްގެ ލައިވް ސްޓްރީމިންގެ ޚިދުމަތަށް ކުއްލި މައްސަލައެއް ދިމާވެ، "އަޅުގަނޑުމެން އަވަހަށް އެނބުރި އަންނާނަން" މި މެސެޖް ދެއްކުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ރައީސް ޓްރަމްޕްގެ އަތުގައި ހަން މަރުވެފައިވާ ތަނެއްގެ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ދައުރު ވަމުން ދެއެވެ. ބައެއް މީހުން ބުނަނީ އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވުމުގެ ކުރިން އެފަދަ ނިޝާނެެއް ފެނިފައިވާ ކަމަށެވެ.
ރައީސް ޓްރަމްޕް ވޭތުވެދިޔަ ތިން ދުވަހު އާންމުކޮށް ފެނިފައެއް ނުވެއެވެ. އަދި އެމެރިކާ ސަރުކާރުގައި އާދަޔާ ޚިލާފަށް މުވައްޒަފުން ގިނަ ވަގުތު އޮފީހުގައި ހޭދަ ކުރަމުންދާ ކަން ދައްކުވައިދޭ ނިޝާނެއްގެ ގޮތުން، ވައިޓް ހައުސް ކައިރީގައި ހުންނަ ސަރަހައްދުތަކުގެ ރެސްޓޯރެންޓްތަކަށް ލިބޭ ޕިއްޒާގެ އޯޑަރުތައް ވަނީ 476 އިންސައްތައަށް އިތުރުވެފައެވެ. ބައެއް މީހުން ބުނާ ގޮތުގައި މިއީ ވައިޓް ހައުސްގައި ކުއްލި ހާލަތެއް މެދުވެރިވެފައިވާ ކަމުގެ ނިޝާނެކެވެ.
ނައިބު ރައީސް ޖޭޑީ ވެންސް ވަނީ ރައީސް ޓްރަމްޕްގެ ސިއްހީ ހާލަތު ރަނގަޅު ކަމަށް ބުނެފައެވެ. އަދި ޓްރަމްޕް އޭނާގެ ދައުރު ފުރިހަމަކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް މި ވަގުތު ރައީސް ޓްރަމްޕްގެ ހާލަތާ ގުޅޭ ގޮތުން ރަސްމީ ބަޔާނެއް ހާމަކޮށްފައި ނެތުމުން ޔޯލަ ވާހަކަތައް ދަނީ ފެތުރެމުންނެވެ.







