އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހަތަރު ފަހަރަށް ފޯނު ކުރެއްވުމުންވެސް މޮދީ ޓްރަމްޕްގެ ފޯނު ކޯލަށް ޖަވާބެއް ނުދެއްވިއެވެ. ޖަރުމަނުގެ ނޫސް "ފްރޭންކްފަރޓަރ އަލްގެމައިނެ ޒައިޓަންގް" އިން ހާމަކޮށްފައިވާ ގޮތުގައި މިއީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް އަންނަމުންދާ ހީނަރުކަމާ ގުޅިގެން މޯދީއާއި ބައިވެރިންގެ މެދުގައި ޓްރަމްޕާ މެދު އުފެދިފައިވާ ރުޅިވެރިކަން ދެއްކުމުގެ އަމަލެކެވެ.
ޓްރަމްޕްގެ ސަރުކާރުން އިންޑިއާގެ މުދަލަށް 50 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމާފައި ވެއެވެ. މިއީ ބްރެޒިލްގެ މުދަލަށް އެމެރިކާއިން ނަގާ ޓެރިފަށް ފަހު ނަގާ އެންމެ މަތީ ޓެރިފްއެވެ. އެމެރިކާގެ މި ފިޔަވަޅަކީ، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން އަޅާ ފިޔަވަޅެއް ކަމަށް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް މައްސަލައިގެ ތެރެއިންވެސް ޓްރަމްޕް ވަނީ އިންޑިއާއާއެކު މަޝްވަރާކުރުމަށް މަސައްކަތް ކުރައްވާފައެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހިނގި ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ކަމަށް ޓްރަމްޕް ވިދާޅުވިނަމަވެސް، އިންޑިއާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
ޖަރުމަނު ނޫހުން ބުނެފައިވާ ގޮތުގައި މޯދީގެ މި ވިސްނުންތެރި ސިޔާސަތަކީ ޓްރަމްޕްގެ ކުރީގެ އަމަލުތަކަށް ބަލައި، ރަސްމީ މަޝްވަރާތަކުގެ ބޭރުން ނިންމުންތައް ނިންމުމުގެ އާދަކާދައަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެކެވެ. ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެމެރިކާގެ ނުފޫޒު ކުޑަވަމުން ދާއިރު، އިންޑިއާއިން ވަނީ އެގައުމުގެ ސިޔާސަތު ބަދަލުކޮށް ޗައިނާއާ ގާތްވުމަށް މަސައްކަތް ފަށާފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ބުނާ ގޮތުގައި މޯދީ އާއި ޓްރަމްޕް އާ ދެމެދު އެންމެ ފަހުން ފޯނު މުވާސަލާތެއް ކުރެވިފައިވަނީ ޖޫން 17 ގައެވެ. އެ މުވާސަލާތުގައި ވިޔަފާރީގެ އެއްބަސްވުމަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފައެއް ނުވެއެވެ.







