ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތަކަކީ ނަސްލު ނައްތާލުމުގެ ޖެނޮސައިޑް ހިންގުމެއް ކަމަށާއި އެކަމަކީ، އެ ކަމާ ގުޅޭ ޤާނޫނީ މަފްހޫމަށް ފެތޭ ސިފަތަކެއް ހިމެނޭ ކަންތައްތަކެއް ކަމަށް ބައިނަލްއަޤްވާމީ ޖެނޮސައިޑް ދިރާސާކުރާ ޢިލްމުވެރިންގެ ޖަމްޢިއްޔާ (އައިއޭޖީއެސް) އިން ބުނެފިއެވެ. އަދި އެ ޖަމުއިއްޔާއިން ވަނީ އެކަމާ ގުޅޭގޮތުން ޤަރާރެއް ވެސް ފާސްކޮށްފައެވެ.
އެކުވެރި ދައުލަތްތަކުގެ ޖެނޮސަިއޑް ހުއްޓުވުމާއި ޖެނޮސައިޑަށް އަދަބު ދިނުމުގެ މުޢާހަދާގެ ދެވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެފަރާތުން ބުނެފައި ވަނީ އިސްރާއީލުން ހިންގަމުންދާ އަމަލު ތަކަކީ ހަމައެކަނި ހަމާސް ޖަމާއަތަށް އަމާޒުކޮށްފައިވާ ޢަމަލުތަކެއް ނޫން ކަމަށާއި، އެއީ، މުޅި ޣައްޒާގެ އާބާދީއަށް އަމާޒުކޮށްފައިވާ ޢަމަލުތަކެއް ކަމަށެވެ.
"އިސްރާއީލު ސަރުކާރުން ވަނީ ސިވިލް އާބާދީއާއި ސިވިލް އަމާޒުފަތްގަނޑުތަކަށް ގަސްދުގައި އަދި ތަފާތުކުރުމެއް ނެތި ހަމަލާދީ، އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގައި، ހަނގުރާމައިގެ ކުށްތަކާއި އަދި ޖެނޮސައިޑްގެ ޢަމަލުތައް ފުޅާ ދާއިރާއެއްގައި އަދި ނިޒާމީ ސިފައެއްގައި ހިންގާފައި،" ކަމަށް އޯގަސްޓް 31 ގައި ފާސްކުރި ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.
އައިއޭޖީއެސްއިން މި ނިންމުމަށް ވާސިލުވި ގޮތް ތަފްސީލު ކޮށްދެމުން ބުނަނީ، އިސްރާއީލުން ވަނީ ޣައްޒާގެ 2.3 މިލިއަން ފަލަސްޠީނު އާބާދީ އެތައް ފަހަރެއްގެ މަތިން މަޖުބޫރު ކޮށްގެން ވިއްސިވިހާލިކޮށް އެއްތަނުން އަނެއް ތަނަށް ބަދަލުކޮށްފައި ކަމަށާއި ޣައްޒާގެ ގެދޮރުގެ 90 އިންސައްތައަށްވުރެ ގިނަ ގެތައް ހަލާކުކޮށްލާފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މިއީ ޣައްޒާގައި ހިނގަމުންދާ ކަންތައްތަކަކީ ޖެނޮސައިޑްގެ ޢަމަލުތަކެއްކަން ޖެނޮސައިޑް ދިރާސާކުރުމުގެ ދާއިރާގެ މާހިރުން ކަނޑައެޅިގެން ސާފު ގޮތެއްގައި ބަޔާންކޮށްދީފައިވާ ބަޔާނެއް،" އައިއޭޖީއެސްގެ ރައީސް މެލަނީ އޮބްރައިން ރޮއިޓަރޒްއަށް ހޯމަ ދުވަހު ވިދާޅުވިއެވެ.
1948 ވަނަ އަހަރުގެ ޖެނޮސަިއޑާ ބެހޭ އދ. ގެ މުޢާހަދާގެ ދެވަނަ މާއްދާގައި ނައްލު ނައްތާލުމާއި ޖެނޮސައިޑް މާނަކޮށްދީފައިވަނީ، އެއީ، "ޤައުމީ،، ނަސްލީ ނުވަތަ ދީނީ ގްރޫޕެއް މުޅިން އެއްކޮށް ނުވަތަ އޭގެ ބަޔެއް ނަމަވެސް ނައްތާލުމުގެ ނިޔަތުގައި ހިންގާ ޖަރީމާ" ގެ ގޮތުގައެވެ. މީގެ ތެރޭގައި ސިޔާސީ ގްރޫޕްތައް ނުވަތަ "ޘަޤާފީ ނަސްލީ މަރުތައް" ނުހިމެނެއެވެ.






