އެމެރިކާގެ ދެމަފިރިން ކުޑަކުދިން "ޖަލެއް" ފަދަ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައެއް ހާމަވެއްޖެ

އެމެރިކާގެ ޕެންސިލްވޭނިއާގައި ދިރިއުޅޭ ދެމަފިރިން ކަމުގައިވާ ޖޭމްސް އަދި ކާލީ ކާލް ވަނީ 5 އަހަރާއި 14 އަހަރާ ދެމެދުގެ 5 ކުދިން "ޖަލެއް" ފަދަ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެން ގުޅެފައެވެ. މި ދެމަފިރިން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި ދެމަފިރިން އެކުރިން ޖަލެއްފަދަ ކޮޓަރިއެއްގައި އެކުން ގެންގުޅުނީ ބިންމަތީގައި ނިންދަވައިގެންނެވެ. އަދި އެކުދިން ލާން އެކަށީގެންވާ ހެދުން ވެސް ނެތިއެވެ. އަދި ބަނޑުފުރެންދެން އެކުދިންނަށް ކާންދީފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ބެލިބެލުމުން ފެނުނު މަންޒަރަކީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ފާހަގަ ކުރިގޮތުގައި ކުޑަކުދިން ތިބި ކޮޓަރީގައި ވައި ދައުރުވާނެ ގޮތެއް ވެސް ނެތެވެ. އަދި އޭގެ އިތުރުން، ސާފުތާހިރުކަން ކުޑަ އެ މާހައުލުގައި އެކުދިންނާއެކު މީދަލާއި ކުރަފިތައްވެސް އުޅުނެވެ.

މި މައްސަލަ ތަޙުޤީޤު ކުރަމުންދާ އޮފިޝަލުން ބުނެފައި ވަނީ މި ފަހަކަށް އައިސް ގެވެށި އަނިޔާގެ މިވަރުގެ މައްސަލައެއް ފެނިފައި ނުވެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމަފިރިންގެ މައްޗަށް ވަނީ ކުޑަކުދިންގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކުދިން ގެންގުޅުނު ކަމަށާއި އަދި އެދެމަފިރިންގެ ބޭނުމަށް މަސްތުވާތަކެތި ގެންގުޅެ ބޭނުން ކުރުމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައެވެ. މި ކުދިން މިހާރު ވަނީ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސް، ސިއްހީ އަދި ނަފްސާނީ ފަރުވާ ދޭން ފަށާފައެވެ.

ހިއްސާ ކުރައްވާ!