ފެސްޓިވަލްގެ މުނާސަބަތާ ދިމާކޮށް، މުންބާއީގައި ބޮން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން 50 އަހަރުގެ މީހަކު ނޮއިޑާއިން ހައްޔަރުކޮށްފިއެވެ. މި މީހާ ދިން އިންޒާރުގައި ބުނެފައިވަނީ ޕާކިސްތާނުގެ ޓެރަރިސްޓުން 400 ކިލޯގެ އާރު.ޑީ.އެކްސް އާއެކު މުންބާއީއަށް ވަދެފައިވާ ކަމަށެވެ. އިންޒާރު ދިން އަޝްވިން ކުމާރް ސުޕްރާ އަކީ ބިހާރުގެ މީހެކެވެ. އޭނާ ދިރިއުޅެމުން ދަނީ ނޮއިޑާގައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ނޮއިޑާ އަދި މުންބާއީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައެވެ. މުންބާއީ ޓްރެފިކް ފުލުހުންނަށް ވަޓްސްއެޕް މެދުވެރިކޮށް ފޮނުވި މެސެޖުގައި 34 އުޅަނދުގައި "ހިއުމަން ބޮމް" ބަހައްޓާފައިވާ ކަމަށާއި، ސިލްސިލާކޮށް ބޮން ގޮއްވާލައިގެން މުޅި މުންބާއީ ގުޑުވާލާނެ ކަމަށް އޭނާ އިންޒާރު ދިނެވެ. އިންޒާރު ދިން ފަރާތުން އަމިއްލައަށް ތައާރަފް ގައި ބުނެފައި ވަނީ އޭނާއަކީ "ލަޝްކަރޭ ޖިހާދީ" ގެ މީހެއް ކަމަށެވެ. އަދި ޕާކިސްތާނުން 14 ޓެރަރިސްޓުން އިންޑިއާއަށް ވަދެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި އިންޒާރާ ގުޅިގެން މުންބާއީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާ ކުރެވިފައެވެ. ޚާއްސަކޮށް ހިންދީ ފެސްޓިވަލަށް ލައްކައެއްހާ މީހުން އެއްވާނެ ކަމަށް ލަފާކުރެވޭތީ، 21،000 އަށްވުރެ ގިނަ ސަލާމަތީ އޮފިސަރުން ވަނީ އެކި ސަރަހައްދުތަކުގައި ބައިތިއްބާފައެވެ. އަދި ފުރަތަމަ ފަހަރަށް ޓްރެފިކް ބެލެހެއްޓުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ވަނީ ފަށާފައެވެ.
އިންޒާރު ދިނުމަށް ބޭނުންކުރި މޯބައިލް ފޯނާއި ސިމްކާޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައި ވެއެވެ. އިބްތިދާއީ ތަހުގީގުތަކުން ދައްކާ ގޮތުގައި މިމީހާ ދީފައ ވަނީ ދޮގު އިންޒާރެކެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ރައްޔިތުން ޔޯލަ ވާހަކަ ނުފެތުރުމާއި ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ ވަގުތުން ފުލުހުންނަށް އެންގުމަށް އިލްތިމާސްކޮށްފައި ވެއެވެ.
މިއީ ފަހަކަށް އައިސް މުންބާއީގައި ހިނގި މިބާވަތުގެ އެތައް ހާދިސާއެއްގެ ތެރެއިން އެއް ހާދިސާއެވެ. މީގެ ކުރިން ކަލްވާ ރޭލްވޭ ސްޓޭޝަނާއި ޗަޓްރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއަރޕޯޓަށްވެސް މިފަދަ ދޮގު އިންޒާރުތައް ލިބިފައިވެއެވެ. މިމީހާ މި އިންޒާރު ދިން ސަބަބު ދެނެގަތުމަށް ފުލުހުންގެ ތަހުގީގު ދަނީ ކުރިއަށެވެ.





