އިސްރާއީލްގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ އިސްރާއީލުން ފަލަސްޠީނުގައި ހިންގާ ހޮލޮކޯސްޓް ހަނގުރާމައަކީ "ހެވާއި ނުބައި" އަދި "ސުވަރުގެއާއި ނަރަކައިގެ" ދެމެދު ހިނގަމުންދާ "ރޫހާނީ ހަނގުރާމައެއް" ކަމަށް ބުނެ ފައެވެ. ކުރިން ފާދިރީއަކަށް ހެދިގެން ދީން ވިއްކަން އުޅުނު ހަކަބީގެ ވާހަކައަށް ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.
ސީބީއެން ނިއުސްއަށް ދިން އިންޓަރވިއުގައި ހަކަބީ ވަނީ އިސްރާއީލަށް ތާއީދުކުރަން ބާރުއަޅައި ވާހަކަ ދައްކާފައެވެ. އަދި މިއީ ސޮލީބީން ކުރަމުން ދިޔަ ފަދަ ދީނީ ހަނގުރާމައެއް ކަމަށް ބުނަމުން އޭނާ ބުނަނީ، އިޒްރޭލަށް ސަޕޯޓު ކުރަންވީ ޔަހޫދީންގެ ނަސްލު ނައްތާލުމުގެ އަމަލުތަކަށް ބަލައިގެނެއް ނޫނެވެ. އޭނާ ބުނަނީ އިބްރާހީމްގެފާނާއި އިސްހާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހަށް ޔަހޫދީން އީމާންވާތީ އިސްރާއީލަށް ކްރިސްޓިއަނުންވެސް ތާއީދުކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވަނީ އިސްރާއީލްގެ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ފާޑުކިޔާ މީހުންނަކީ "ހުރިހާ ޔަހޫދީންނާއި ކްރިސްޓިއަނުން ނައްތާލަން" މަސައްކަތްކުރާ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އިސްރާއީލުގައި ހުންނަ އެމެރިކާގެ ސަފީރުގެ މި ވާހަކަތަކާ ގުޅިގެން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމާޢަތްތަކާއި، ދީނީ ފަރާތްތަކާއި، އަދި އެކި ފިކުރުގެ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ ހަކަބީގެ މަގުފުރައްދަނިވި ވާހަކަތަކަށް ފާޑުކިޔާފައެވެ. ޚާއްޞަކޮށް ފަލަސްތީނުގެ އެކްޓިވިސްޓުންނާއި ފާދިރީން ވަނީ މިފަދަ ވިސްނުމަކުން ވިސްނާ މީހަކު ފަލަސްތީނުގެ ރައްޔިތުންނަކީ އިންސާނުން ކަމުގައި ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ. އަދި، ޣައްޒާގައި އިސްރާއީލުން ހިންގާ ބަނޑުހައިހޫނުކަމާއި ވަޒަނުން ބޭރު ކުރުމުގެ ޖަރީމާތައް ފޮރުވައިދޭން މީހަކު މަސައްކަތް ކުރާތަން ފެންނަކަމަށްވެސް ބުނެފައެވެ.
މައިކް ހަކަބީ މި ވާހަކަތައް ދައްކާފައިވަނީ އިސްރާއީލުން ބައިނަލްއަޤްވާމީ ތަޙްޤީޤުތަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައެވެ. އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ އިސްރާއީލްގެ އިސްވެރިން ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ހައްޔަރު ކުރުމަށް ވޮރަންޓް ނެރެފައެވެ. އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ 2023 އޮކްޓޯބަރުން ފެށިގެން 64،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްފައިވާ ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކާ ގުޅޭ ތަޙްޤީޤެއް ވެސް ފަށާފައެވެ.





