ހަމަހަމަ ވިޔަފާރީގެ އުސޫލުތަކެއް ގެންގުޅެންޖެހޭނެ: ބްރިކްސް ސަމިޓުގައި ޖަޔަޝަންކަރު

2025 ވަނަ އަހަރުގެ ބްރިކްސްގެ މަޖާޒީ ސަމިޓުގައި އިންޑިއާގެ ފޮރިން މިނިސްޓަރު އެސް. ޖަޔަޝަންކަރު ވަނީ ބައިނަލްއަޤްވާމީ ވިޔަފާރީގައި ހަމަހަމަ އުސޫލުތަކެއް ގެން ގުޅުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން އޭނާ ވަނީ މެންބަރު ޤައުމުތަކުން ހާމަކަން ބޮޑު އަދި ހަމަހަމަ އިޤްތިޞާދީ އުސޫލުތަކެއް ގެންގުޅުމަށް ގޮވާލައްވާފައެވެ.

މި ސަމިޓްގައި ޖަޔަޝަންކަރު ތަގްރީރު ކުރެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަދަލުގައި އޭނާ ތަމްސީލު ކުރައްވަމުންނެވެ. ޖަޔަޝަންކަރު ވިދާޅުވީ، "އިޤްތިޞާދީ އުސޫލުތައް ވާންޖެހޭނީ ހަމަހަމަ، ހާމަކަން ބޮޑު އަދި އެންމެންނަށް ފައިދާވާނެ ގޮތަކަށް ބައްޓަން ކޮށްފައިވާ ސިޔާސަތުތަކަކަށް" ކަމަށެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމާއި، ޔުކްރެއިންއާއި މެދު އިރުމަތީގެ ހަނގުރާމަތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް އޭނާ ވާހަކަ ދެއްކެވިއެވެ.

އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ ވިޔަފާރީގެ ގޮންޖެހުންތަކުގެ ތެރޭގައި އެމެރިކާއިން އިންޑިއާގެ މުދަލަށް ނަގާ 50 ޕަސެންޓުގެ އިމްޕޯޓް ޓެރިފް ހިމެނެއެވެ. މީގެ އިތުރުން 25 ޕަސެންޓުގެ އާންމު ޓެރިފަކާއި، ރަޝިއާއިން ތެޔޮ ގަތުމުގެ ސަބަބުން އެމެރިކާއިން އަދަބެއްގެ ގޮތުގައި ނަގާ އިތުރު 25 ޕަސެންޓުގެ ތައުދަބީ ޓެރިފްވެސް ހިމެނެއެވެ.

ބްރިކްސް ބްލޮކްގެ ތެރޭގައި އިންޑިއާއަށް ދިމާވެފައިވާ ވިޔަފާރީގެ ދަރަނީގެ މައްސަލަތަކާ ބެހޭ ގޮތުންވެސް ޖަޔަޝަންކަރު ވާހަކަ ދެއްކެވިއެވެ. އަދި ވިޔަފާރީގެ ހުރަސްތައް ކުޑަކުރުމަށް މެމްބަރު ގައުމުތަކަށް ބާރުއެޅުއްވިއެވެ. "ވިޔަފާރީގެ ހުރަސްތައް އިތުރުކޮށް މުޢާމަލާތްތައް އުނދަގޫކުރުމަކުން އެއްވެސް ފައިދާއެއް ނުވާނެ" ކަމަށް ޖަޔަޝަންކަރު ވިދާޅުވިއެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑިސިލްވާގެ އިސްނެންގެވުމުގެ މަތިން ބޭއްވުނު މި ސަމިޓަކީ، އިންޑިއާއަށް ދެމެހެއްޓެނިވި އަދި ޝާމިލު ވިޔަފާރިއަށް އޮތް އިލްތިޒާމުތައް އަލުން ދަމަހައްޓައި، ޕްރޮޓެކްޝަނިސްޓް ފިޔަވަޅުތަކާ ދެކޮޅަށް ޑިޕްލޮމެޓިކް ގޮތުން މަސައްކަތްކުރުމުގެ މަންސައެއް ކަމުގައި ވެގެން ދިޔަ ބްރިކްސް ސަމިޓެކެވެ.

ހިއްސާ ކުރައްވާ!