އިންޑިއާގެ އައު ނައިބު ރައީސް ހޮވައިފި

އިންޑިއާގެ 15 ވަނަ ނައިބު ރައީސްކަމަށް މަހާރާޝްތުރާގެ ގަވަރުނަރު އަދި ވެރިކަން ކުރާ ކޯލިޝަންގެ ކެންޑިޑޭޓް ސީޕީ ރާދަކްރިޝްނާން ހޮވިވަޑައިގެންފިއެވެ. މި އިންތިޚާބުގައި ވޯޓުލެއްވި 767 މެންބަރުންގެ ތެރެއިން 98.2 އިންސައްތަ މެންބަރުން ގެ ވޯޓު އޭނާއަށް ލިބި ވަޑައިގަތެވެ. ރާދަކްރިޝްނާނަށް 452 ވޯޓު ލިބިވަޑައިގަތް އިރު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުދާރަޝަން ރެޑީއަށް 300 ވޯޓު ލިބިވަޑައިގަތެވެ.

މި އިންތިޚާބު ބޭއްވުނީ ކުރީގެ ނައިބު ރައީސް ޖަގްދީޕް ދަންކަރު ސިއްހީ ސަބަބުތަކާ ހުރެ ޖުލައި 21 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބީޖޭޕީގެ ތަޖުރިބާކާރު ސިޔާސީ ލީޑަރެއް ކަމަށްވާ ރާދަކްރިޝްނާނަކީ ކޮއިމްބަތޫރުން ދެ ފަހަރު ލޯކް ސަބާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ބޮޑުވަޒީރު މޯދީ ވަނީ ރާދަކްރިޝްނާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، އޭނާގެ ޚިދުމަތްތަކަށް ތައުރީފު ކުރައްވާފައެވެ. ކޮންގްރެސްގެ ރައީސް ވެސް ވަނީ އައުނާއިބް ރައީސް މުންތަޚަބްއަށް ހެޔޮއެދުން ފޮނުއްވައި، މަޖިލީހުގެ އާދަކާދަތައް ދެމެހެއްޓުމާއި އިދިކޮޅު ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރާދަކްރިޝްނާންގެ މި ކާމިޔާބީއާއެކު، އަންނަ އަހަރު ތަމިލް ނާޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސެމްބްލީ އިންތިޚާބުގައި ބީޖޭޕީއަށް ކުރިއެރުން ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އޭނާއަކީ ދަށު ފަންތީގެ މުޖުތަމައުގެ މެންބަރެއް ކަމަށްވުމުން ބީޖޭޕީއަށް ސަޕޯޓް އިތުރު ވާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!