ދޯހާއަށް ދިން ޔަހޫދީ ޓެރަރިސްޓް ހަމަލަ ބަހުސްކުރުމަށް ޕާކިސްތާނާއި އަލްޖަޒާއިރުން އެދިގެން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. ޓްރަމްޕަށް އެތައް މިލިއަން ޑޮލަރުގެ އުދުހޭ ގަނދުވަރު މަތިންދާބޯޓު ދިން ގަމަށް ޔަހޫދީ ޓެރަރިސްޓް ހަމަލަ ދީފައިވަނީ ޓްރަމްޕްގެ ރުހުމާއެކުގައެވެ.
ޔަހޫދީ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ޖަޕާން އަދި ނިއުޒިލެންޑް ފަދަ ގައުމުތަކުން ވަނީ މި ހަމަލާ ކުށްވެރިކޮށްފައެވެ. އަދި ބައެއް ގައުމުތަކުން ގޮވާލާފައިވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލުން އިސްރާއީލް ޖަވާބުދާރީ ކުރުވުމަށެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ބުނެފައި ވަނީ އިސްރާއީލުގެ މި ހަމަލާއާ މެދު ޓްރަމްޕް ގަޔާނުވާ ކަމަށެވެ. އަދި މި ޓެރަރިސްޓް ހަމަލާގައި ހަމާސްގެ މެންބަރުން މަރުވެފައިވާތީ އޭނާ ވަނީ އުފާވެރިކަން ފާޅުކޮށްފައެވެ.
ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން މާޖިދް އަލް-އަންސާރީ ވިދާޅުވެފައިވަނީ މި ހަމަލާއާ ގުޅިގެން ގަތަރަށް އެޅެން ހުރި ހުރިހާ ޑިޕްލޮމެޓިކް އަދި ޤާނޫނީ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އަދި މިފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް އެމެރިކާއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. މިހާރުވެސް އެމެރިކާއިން މެދުއިރުމަތީގައި އެންމެ ބޮޑު އަސްކަރީ މަރުކަޒު ހަދާފައި ވަނީ ޤަތަރުގައެވެ.
އިސްރާއީލުގެ ރައީސް އިސްހާޤް ހާޒޯގް ލަންޑަނަށް ކުރާ ދަތުރާ ގުޅިގެން އިނގިރޭސިވިލާތުގެ ޕާލިމެންޓްގެ ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މެންބަރުން ބުނަނީ ޖެނޮސައިޑްގައި ބައިވެރިވާ ފަރާތްތަކަށް މަރުހަބާ ކިޔުމަކީ އެމީހުންގެ ޖަރީމާ ހިންގަން ހުއްދަ ދިނީ ކަމަށް ބެލެވިދާނެ ކަމެއް ކަމަށެވެ.
މި ހުރިހާ ކަމެއް ހިނގަމުންދާއިރު، އިސްރާއީލުގެ ހޮލޮކޯސްޓް ހިންގާ ސިފައިން ދަނީ ޣައްޒާގެ ބުރެއިޖް ރެފިއުޖީ ކޭމްޕަށް ހަމަލާދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ މީހުން މަރުވެ، އަނިޔާވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.





