އޯރަކަލް ކޯޕަރޭޝަންގެ އާމްދަނީ ރެކޯޑު އަދަދަކަށް އިތުރުވުމާއެކު، އެ ކުންފުނީގެ ބާނީ ލެރީ އެލިސަންގެ މުއްސަނދިކަން 101 ބިލިއަން ޑޮލަރުން އިތުރުވެ، ޓެސްލާގެ ސީއީއޯ އެލޮން މަސްކް ފަހަނައަޅައި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު ހޯދައިފިއެވެ. މުއްސަނދިން ގިންތި ކުރާ ބްލޫމްބާގް ބިލިއަނެއަރ އިންޑެކްސްގެ މަޢުލޫމާތު ދައްކާ ގޮތުން، 81 އަހަރުގެ އެލިސަންގެ މުދަލުގެ ޖުމްލަ އަގު މިހާރު ވަނީ 393 ބިލިއަން ޑޮލަރަށް އަރާފައެވެ. އޯރަކަލްގެ ކްލައުޑް އިންފްރާސްޓްރަކްޗަރ ވިޔަފާރި ކުރިއަރައިގެން ގޮސް ކުންފުނީގެ ހިއްސާގެ އަގު އެއް ދުވަހުގެ ތެރޭގައި 41 އިންސައްތައަށް އިތުރުވެފައި ވެއެވެ.
އެލިސަން މިހާރުވެސް ހުރީ އޯރަކަލްގެ ޗެއަރމަން އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަޤާމުގައެވެ. އޭނާގެ މުއްސަނދިކަމުގެ ބޮޑު ބައެއް ގުޅިފައިވަނީ އޭނާ އެހެން ބަޔަކާއެކު އުފެއްދި މި ކުންފުންޏާއެވެ.
2025 ވަނަ އަހަރު ޓެސްލާގެ ހިއްސާގެ އަގު ވަނީ 13 ޕަސެންޓް ދަށަށް ގޮސްފައެވެ. އެލޮން މަސްކްގެ މުދާވެރިަކން މިހާރު ހުރީ 385 ބިލިއަން ޑޮލަރުގައެވެ. ނަމަވެސް، ކުރިމަގުގެ ޓެސްލާގެ ވިޔަފާރި އަމާޒުތައް ހާސިލުކުރެވިއްޖެނަމަ، މަސްކްއަށް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ފުރުސަތު އޮތްކަމަށް ބެލެވެއެވެ.
ޓެކްނޮލޮޖީ ދާއިރާގެ މުއްސަނދިންގެ ތަރުތީބަށް އައި މި ބަދަލަކީ، ޓެކްނޮލޮޖީއާ ގުޅުންހުރި މުއްސަނދިކަމުގެ ހަލުވި ބަދަލުތަކާއި، ދުނިޔޭގެ މާކެޓްތަކުގައި އެންޓަރޕްރައިޒް ސޮފްޓްވެއަރގެ ނުފޫޒު އިތުރުވަމުންދާކަމުގެ ހެއްކެކެވެ.






