ނޭޕާލްގެ ސިފައިންގެ އިސްވެރިޔާ ޖެނެރަލް ސިގްޑެލް

ނޭޕާލަށް އަހަރުތަކަކަށް ފަހު ކުރިމަތިވެފައިވާ އެންމެ ފުން ސިޔާސީ ބައިބައި ކަމާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، އެ ގައުމު އެއްބައިވަންތަކޮށް ހިފަހައްޓަވަނީ އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަޝޯކް ރާޖް ސިގްޑެލް އެވެ.

ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިސްތިއުފާ ދެއްވުމުން، ކަޓްމަންޑޫގައި ވަނީ ސިޔާސީ ހުސްކަމެއް އުފެދިފަ އެވެ.

ޖެނެރަލް ސިގްޑެލް ވަނީ ޒުވާން މުޒާހަރާވެރިންނަށް އަނިޔާވެރިކަމުގެ ތެރެއަށް ދިއުމުގެ ބަދަލުގައި މަޝްވަރާއަށް އައުމަށް އިލްތިމާސް ކުރައްވާފައެވެ.

ސިގްޑެލް ގައުމާ މުޚާތަބުކޮށް ޓީވީން ދެއްވި ތަގުރީރުގައި ނޭޕާލްގެ ތަރިކަ ރައްކާތެރިކުރުމާއި އާންމުންގެ ރައްކާތެރިކަމުގެ އިތުރުން ޑިޕްލޮމެޓިކް މިޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލޭއޮހޮރުވުން ހުއްޓުވުމަށްޓަކައި ބޮޑު ވަޒީރު އޮލީ މަގާމުން ވަކިވުމަށް ނަސޭހަތްތެރިވީވެސް ޖެނެރަލް ސިގްޑެލް އެވެ. ނޭޕާލްގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ފުރަތަމަ ފިޔަވަހީގައި 20 މީހުން މަރުވެފައިވެ އެވެ.

ސިގްޑެލްއަކީ އިންޑިއާއާއި ޗައިނާގައި ތަމްރީނުކޮށްފައިވާ ސިފައިންގެ ބޭފުޅެކެވެ. ސްޓްރެޓެޖިކް ދާއިރާއިން އޭނާ ވަނީ އެމްއޭ ފުރިހަމަ ކުރައްވާފައެވެ.

2024ގައި އިންޑިއާ ރައީސް ވަނީ އޭނާއަށް އިންޑިއާ ސިފައިންގެ ޖެނަރަލެއްގެ ޝަރަފްވެރި މަގާމު ދެއްވާފައެވެ.

ހިއްސާ ކުރައްވާ!