އިންޑިއާގެ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ބާރަކުން އެފަރާތުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކޮށް ވާޖިބަށް ހުރަސް އަޅަނީނަމަ، އިންޑިއާގެ ސުޕްރީމް ކޯޓުން ބަލަހައްޓައިގެން ނޯންނާނެ ކަމަށް ވިދާޅުވަމުން އިންޑިއާގެ އުއްތަމަ ފަނޑިޔާރު ބީ. އާރް. ގަވާއީ ސަރުކާރަށް އިންޒާރު ދެއްވައިފިއެވެ.
މި ވާހަކަތައް އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ގަވަރުނަރުންގެ ދުސްތޫރީ ޒިންމާއާ ބެހޭ މައްސަލާ ގައި އިއްޔެގެ އަޑުއެހުމުގައެވެ.
އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ވެރިކަން ކުރާ ސްޓޭޓްތަކުގައި ގަވަރުނަރާ ސަރުކާރާ ދެމެދު ދުސްތޫރީ މައްސަލަތައް މިފަހަކަށް އައިސް އިތުރު ވެފައި ވެއެވެ. ބައެއް ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ބިލްތައް ފާސްކުރުމަށް ގަވަރުނަރު އިއުތިރާޒް ކޮށް ދިގު ދަންމައި ސަރުކާރުގެ މަސައްކަތަށް ބައެއް ގަވަރުނަރުން އިއުތިރާޒް ކުރަމުން ދެއެވެ.
ގަވަރުނަރުން އައްޔަން ކުރަނީ ވެރިކަން ކުރާ ޕާޓީގެ ލަފާއާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ގަވަރުނަރަކީ އިންޑިއާގެ އިއްތިހާދީ ނިޒާމުގައި ސްޓޭޓްތަކުގައި ތިއްބަވާ ގާނޫނުއަސާސީ ނަގަހައްޓަވާ ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުންނެވެ.
އިއްޔެގެ އަޑުއެހުމުގައި އިންޑިއާ ސަރުކާރު ތަމްސީލު ކުރެއްވީ އިންޑިއާގެ ސޮލިސިޓަރ ޖެނަރަލް ތުޝޭރް މެހެތާއެވެ.
އިންޑިއާގެ އުއްތަމަ ފަނޑިޔާރު އޭނާއާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ:
"ކިތަންމެ މަތިވެރި ބާރަކަށް ވިޔަސް އެއްވެސް މީހަކީ، ޤާނޫނަށްވުރެ މަތީގައި ހުރެވޭނެ މީހެއް ނޫން… އަޅުގަނޑަކީ ބާރުތައް ވަކިކުރުމުގެ ޢަޤީދާއަށް ވަރަށް ބޮޑަށް އީމާންވާ މީހެއް.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުޑިޝަލް އެކްޓިވިޒަމް، ޖުޑިޝަލް ޓެރަރިޒަމަށް ބަދަލުވެގެނެއް ނުވާނެ. އެކަމަކު ހަމަ އެއާއެކު ގާނޫނުއަސާސީގައި ބަޔާން ކުރާ ޑިމޮކްރަސީގެ އެއް ބާރުން އެމީހަކާއި ދުސްތޫރުން މަތިކޮށްފައިވާ އޭނާގެ ވާޖިބު އަދާކުރުމުގައި ނާކާމިޔާބުވެއްޖެނަމަ ގާނޫނުއަސާސީގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން މި ކޯޓަށް ލިބިގެންވާ ބާރު ބޭނުން ނުކޮށް، ބާރެއް ނެތި، ދެއަތް އުރާލައިގެން އިންނާނެ ކަމަށް ސަރުކާރުން ގަބޫލު ކުރަނީ ތޯ؟" އުއްތަމަ ފަނޑިޔާރު ގަވާއި، ސަރުކާރާ ސުއާލު ކުރެއްވިއެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އޭގެ ކުރީދުވަހުގެ އަޑުއެހުމުގައި ނޭޕާލާއި އަވަށްޓެރި ގައުމުތަކުގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުމާ މެދުވެސް ވާހަކަ ދައްކާފައެވެ. އެދުވަހު ފަނޑިޔާރުންގެ ބެންޗުން ބުނެފައި ވަނީ އިންޑިއާގެ ސިޔާސީ ހަޔާތް އޮމާންކަމާއެކު ހަލަބޮލިކަމެއް ނެތި ކުރިއަށް ދަނީ، އިންޑިއާއިން ގާނޫނުއަސާސީ ނަގަހައްޓާތީއާއި އެ ގާނޫނުއަސާސީގައި ބާރުތައް ވަކިކޮށް ހައްގުތައް ކަނޑައަޅާފައިވާތީ ކަމަށެވެ.




