މިސްރުން ފަލަސްތީނު ލީޑަރުންނަށް ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ފަށައިފި

އިސްރާއީލުން ދޯހާއަށް ދިން ޓެރރަރިސްޓް ހަމަލައަށްފަހު މިސްރުގެ އިންޓެލިޖެންސް އޭޖެންސީން ވަނީ އިސްރާއީލާއި އެމެރިކާއަށް ސީދާ އިންޒާރެއް ދީފިއެވެ. މި އިންޒާރާ އެކު މިސްރުން ވަނީ މިސްރުގައި ދިރިއުޅޭ ފަލަސްތީނު އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާތަނަށް ފެނިފައި ނުވާ ވަރުގެ ސަލާމަތީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ޔަހޫދީ މީޑިއާއިން ފަލަސްތީނު މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ މިސްރުގެ އިންޓެލިޖެންސް އޭޖެންސީން ވަނީ ފަލަސްތީނު ޖަމާޢަތްތަކުގެ އިސްވެރިން ދިރިއުޅޭ ތަންތާނގައި ސަލާމަތީ ކަންކަން ހަރުދަނާ ކޮށްފައެވެ. މީގެ ތެރޭގައި އިސްލާމިކް ޖިހާދުގެ ސެކްރެޓަރީ ޖެނެރަލް ޒިޔާދު އައްނަޚާލާ އާއި ޕޮޕިއުލަރ ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފް ޕެލެސްޓައިންގެ އިސްވެރިން ދިރިއުޅޭ ތަންތަން ހިމެނެއެވެ.

މިއީ މިސްރުގެ ސިޔާސަތަށް އައިސްފައިވާ ވަރަށް ބޮޑު ބަދަލެކެވެ. މީގެ ކުރިން މިސްރަކީ ފަލަސްތީނުގެ މައްސަލާގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޤައުމެކެވެ. ނަމަވެސް މިހާރު މިސްރަކީ ހަތިޔާރު އުފުލާ ޖަމާޢަތްތަކުގެ ލީޑަރުންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ގައުމެކެވެ. މިއީ ކުރިން ސީރިއާ އާއި އީރާނުން އަދާކުރި ދައުރެކެވެ.

އުމުރުން 72 އަހަރުގެ އައްނަޚާލާ އަކީ ޣައްޒާގެ ޚާން ޔޫނިސްގައި އުފަން، އަދި ފަލަސްޠީނުގެ އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތުތަކުގެ ތެރެއިން އެކެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން އިސްލާމިކް ޖިހާދުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ފުރަމުން ގޮސްފައެވެ. އޭނާ ވަނީ އެކި ދުވަސްވަރު އިސްރާއީލުގެ ޖަލުތަކުގައި ވަގުތު ހޭދަކޮށްފައެވެ. އަދި މިހާރު އޭނާއަކީ އިސްރާއީލުން އަމާޒުކުރާ އެންމެ މުހިންމު ތިން ލީޑަރުންގެ ތެރެއިން އެކެކެވެ.

މިސްރުން އައްނަޚާލާ އާއި އެހެން ޖަމާޢަތްތަކުގެ ލީޑަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުން ދޭހަވާ ދެ މެސެޖެއް ވެއެވެ. އެއީ އެމެރިކާ އާއި އިސްރާއީލަށް، މިސްރުގެ ސިޔާދަތަށް އަރައިގަތުމުން ސަރަޙައްދީ ނުރައްކާތެރި ނަތީޖާތަކަކާ ދެ ގައުމަށް ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތައް ރައްކާތެރިކޮށްދޭ ބާރެއްގެ ގޮތުގައި މިސްރު އޮތް ކަމުގެ މެސެޖެވެ.

ހިއްސާ ކުރައްވާ!