އުތުރު ކޮރެއާގެ ވެރިޔާ ކިމް ޖޮންގް އުން ވަނީ އެ ގައުމުގައި ބޭރުގެ ބަސްތައް ބޭނުންކުރުން މަނާކޮށް އަމުރެއް ނެރެފައެވެ. މިގޮތުން "ހެމްބާގަރ"، "އައިސްކްރީމް" އަދި "ކެރިއޯކީ" ފަދަ ބަސްތައް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
"އުތުރު ކޮރެއާ ބަހުގެ ސަގާފީ ސާފުކަން" ދެމެހެއްޓުމަށްޓަކައި ޒައީމުގެ ޚާއްސަ އިރުޝާދާއެކު ފަށާފައިވާ މުހިންމު މަސައްކަތުގައި ބޭރު ބަސްތަކުން ކޮރެއާ ބަސް ސާފު ކުރުމަށް މަސައްކަތް ފަށާފައި ވެއެވެ. އެގޮތުން ސަރުކާރުގެ ހުރިހާ އިދާރާތަކަށް ކިޔާ ނަންތައްވެސް އަމިއްލަ ކަން ކަށަވަރު ކުރުމަށާއި ވާހަކަ ދައްކާއިރު ބޭރުގެ ޢިބާރާތްތަކާއި ބަސްތައް ބޭނުން ނުކުރުން ހިމެނެއެވެ. އަދި ޚާއްޞަކޮށް ހުޅަނގުގެ ގައުމުތަކުންނާއި ދެކުނު ކޮރެއާއިން އަންނަ ބަސްތަކާ ދެކޮޅަށް އުތުރު ކޮރެއާ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ވޫންސަން ރިސޯޓުގެ ޓުއާ ގައިޑުންނަށް ވަނީ ބޭރުގެ ފަތުރުވެރިންނާ މުޢާމަލާތް ކުރާއިރު ހުޅަނގުގެ ބަސްތައް ބޭނުން ނުކުރުމަށް ޒައީމުގެ އިރުޝާދާއެކު ޚާއްސަ ތަމްރީނު ތަކެއް ދީފައެވެ. އަދި ބަހާ ބެހޭ މިނިސްޓަރު ވަނީ ޓުއާ ގައިޑުން ބޭނުން ކުރުމަށް ޚާއްސަ ރަދީފެއް ވެސް ތައްޔާރުކޮށް ދީފައެވެ.
އެއްގޮތަކަށްވެސް ބޭނުން ކޮށްގެްނ ނުވާނެ ބަސްތަކުގެ ތެރޭގައި "ހެމްބާގަރ" ފަދަ ބަސްތައް ހިމެނެއެވެ. ހެމްބާގަރ ގެ ބަދަލުގައި ކިޔަން ޖެހޭނީ "ދަޖިން-ގޯގި ގިއޮޕްޕަންގް" (މާނައަކީ ދެ ބަނަސް ދޭތެރެއަށް ލާފައިވާ މޮޑެފައިވާ މަސްގަނޑު) އެވެ. އަދި "އައިސްކްރީމް" ގެ ބަދަލުގައި "އެސްއުކިމޯ" (އެސްކިމޯ) ބޭނުންކުރުމަށާއި އަދި ކެރިއޯކީ މެޝިންތަކަށް "ސްކްރީނާ އެކުވެރި އާލާތް" ފަދަ ބަސްތައް ތައާރަފް ކޮށްފައި ވެއެވެ.
އުތުރު ކޮރެއާއަކީ 2015 ވަނަ އަހަރުން ފެށިގެން، ސޯޝަލިސްޓް އައިޑިއޮލޮޖީއާ ނުގުޅޭ ބަސްތަކާއި ޢިބާރާތްތައް ބޭނުންކުރުން ކުށަކަށް ހަދައިފައިވާ ގައުމެކެވެ. އަދި ބޭރުގެ ފިލްމުތައް ބެލުމާއި، މިއުޒިކް އަޑުއެހުމާއި، ދެކުނު ކޮރެއާގެ ޑްރާމާތައް ހިއްސާކުރުމަކީވެސް މަރުގެ އަދަބު ލިބޭ ފަދަ ޖިނައީ ކުށެކެވެ.





