އިންޑިއާ އާއި އެމެރިކާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް އަލުން ފަށައިފި

ޓްރަމްޕް ސަރުކާރުން އިންޑިއާގެ މުދަލަށް ބޮޑެތި ޓެރިފްތަކެއް ނެގުމަށް ނިންމުމަށް ފަހު، އިންޑިއާ އާއި އެމެރިކާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް އަލުން ފަށައިފިއެވެ. މިއީ އެ ދެ ގައުމުގެ އިސް ވެރިން ސީދާ ބައްދަލުކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ މަޝްވަރާތަކެވެ.

އެމެރިކާގެ އެސިސްޓެންޓް ޓްރޭޑް ރެޕްރެޒެންޓެޓިވް ބްރެންޑަން ލިންޗް ވަނީ ވަފްދަކާއެކު އިންޑިއާއަށް ވަޑައިގެންފައެވެ. އެމެރިކާގެ ވަފުދު ވަނީ އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ސްޕެޝަލް ސެކްރެޓަރީ ރާޖޭޝް އަގްރަވާލް އިސްކޮށް ހުންނަވާ އިންޑިއާގެ ވަފްދާއެކު ބައްދަލުކުރެއްވާފައެވެ. މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ "އެކުވެރި އަދި ކުރިމަގަށް އުއްމީދީ" މާހައުލެއްގައި ކަމަށް އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނެވެއެވެ.

މި މަޝްވަރާތައް ފެށިފައިވަނީ، އެމެރިކާއިން އިންޑިއާގެ މުދަލަށް 50 ޕަސެންޓްގެ ޓެރިފެއް ކަނޑައޅަައި، ރަޝިއާއިން ތެޔޮ ގަތުމާ ގުޅިގެން 25 ޕަސެންޓްގެ އިތުރު ޓެރިފެއް ކަނޑައެޅުމަށްފަހު ހިނގާފައިވާ ދެބަސްވުންތަކާއެކު ގައެވެ. މީގެ ކުރިން މެދުކެނޑިފައިވާ ހަވަނަ ބުރުގެ މަޝްވަރާތަކަށްފަހު، މިހާރު ގިނަ މަޝްވަރާތަކަށ ްމަގު ފަހިވެފައި ވެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސްއިން ބުނެފައިވަނީ، "އިންޑިއާ އާއި އެމެރިކާގެ ދެމެދުގައި އޮތް ވިޔަފާރީގެ މުހިންމުކަން ފާހަގަކޮށް، ހުށަހެޅިފައިވާ އެއްބަސްވުމުގެ އެކި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު" ކަމަށެވެ. އަދި މި މަޝްވަރާތަކުގެ މަޤްޞަދަކީ މަތީ ޓެރިފްތަކުގެ ސަބަބުން ދެ ގައުމުގެ އެކްސްޕޯޓަރުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުން ކަމަށް އިސް ވެރިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ޑިޕްލޮމެޓިކް ކުރިއެރުން އައިސްފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޑިއާއާ ދޭތެރޭ އެކުވެރި ރޫހެއް ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި މިކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަރުހަބާ ވިދާޅުވެފައެވެ. މި ކުރިއެރުމާއެކު، ވިޔަފާރީގެ އިތުރުން ހަކަތައިގެ ދާއިރާއާއި އިސްތިރާޖީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ހިއްސާ ކުރައްވާ!