އިންޑިއާއިން ތިންވަނަ ފަރާތެއްގެ މެދުވެރިކަން ބޭނުން ނުވާކަމަށް ބުނެފި

އޮޕަރޭޝަން ސިންދޫރުގެ ނަމުގައި އިންޑިއާއިން ހިންގި އޮޕަރޭޝަނުގައި އެއްވެސް ތިންވަނަ ފަރާތެއްގެ މެދުވެރިކަން ބޭނުން ނުވާކަމަށް ސާފުކޮށް ބުނެފައި ވާނެ ކަމަށް ޕާކިސްތާނުން ބުނެއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނާއިބް އަދި ފޮރިން މިނިސްޓަރު މުޙައްމަދު އިސްހާޤު ދާރު ވަނީ އެކަން މީޑިއާއަށް ޔަގީންކޮށް ދެއްވާފައެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުން އޭނާ ސާފުކޮށްދެއްވާފައިވާ ކަމެކެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ދާރު ވިދާޅުވި ގޮތުގައި، އޭޕްރިލް 22 ވަނަ ދުވަހު ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އިންޑިއާއިން ކަޝްމީރުގައި ހުރި 9 ޓެރަރިސްޓް އިންފްރާސްޓްރަކްޗަރއަކަށް ދިން ހަމަލާއަށްފަހު، ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމަށް އެދުނެވެ. ޕަހަލްގާމްގެ ޓެރަރިސްޓް ހަމަލާގައި 26 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރުބިއޯއާއެކު އިންޑިއާއިން ކުރިއަށް ގެންދިޔަ މަޝްވަރާގައި އިންޑިއާއިން ދެކެނީ މި މައްސަލަ އަކީ ހަމައެކަނި ދެ ގައުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް އިންޑިއާއިން ބުނެފައިވާ ކަމަށް ދާރު ވިދާޅުވިއެވެ. "އިންޑިއާއިން ބުނަނީ މިއީ ދެ ފަރާތުގެ މައްސަލައެއް ކަމަށް" ޖުލައި 25 ވަނަ ދުވަހު ވޮޝިންގްޓަންގައި ބޭއްވުނު ބައްދަލުވުމުގައި ރުބިއޯ ވިދާޅުވި ކަމަށް ދާރު ނަގުލުކުރެއްވިއެވެ.

ޓެރަރިޒަމް، ވިޔަފާރި، އިޤްތިޞާދު އަދި ޖައްމޫ އަދި ކަޝްމީރުގެ މައްސަލަތައް ހިމެނޭ ގޮތަށް ފުޅާ މަޝްވަރާތަކަކަށް އިންޑިއާއާއެކު ޕާކިސްތާނުން ތައްޔާރަށް ހުރި ނަމަވެސް، އެކަމުގައި ކުރިއަށްދެވޭނީ ދެފަރާތުން އުސޫލެއްގެ މަތިން އެއްބަސްވެގެން ކަމަށް ދާރު ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން ޤަބޫލުކުރަނީ މަޝްވަރާއަކީ ކުރިއަށްދާނެ މަގު ކަމަށް، އެހެންނަމަވެސް މިކަމަށް ދެފަރާތުގެ އެއްބާރުލުން ބޭނުންވާނެ" ދާރް ވިދާޅުވިއެވެ.

އެމެރިކާގެ މެދުވެރިއަކަށް ވެގެން ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށްދިޔަ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަފުޅުތަކަށް އިންޑިއާގެ ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވެސް ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެެމރިކާގެ ލީޑަރުން ދައްކާ ވާހަކަތައް އެއީ "ހައިރާންކުރުވަނިވި، އަދި އިންސާފުވެރި ނޫން" ވާހަކަތަކެއް ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވުނީ ދެ ގައުމުގެ ޑައިރެކްޓަރސް ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް އިން ކުރިއަށް ގެންދިޔަ ސީދާ މުއާމަލާތްތަކުގެ ތެރެއިން ކަމަށް ޖަޔަޝަންކަރު ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!