އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހޮލޮކޯސްޓާއި އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކަށް އެހީތެރިވަމުންދާ ބައިނަލްއަޤްވާމީ 15 ކުންފުނީގެ ލިސްޓެއް އެމްނެސްޓީ އިންޓަނޭޝަނަލްއިން ހާމަކޮށްފިއެވެ.
މި ލިސްޓުގައި ހިމެނެނީ އެމެރިކާގެ ބޮއިންގ ކުންފުންޏާއި އަދި ލޮކްހީޑް މާޓިން ފަދަ ބޮޑެތި ކުންފުނިތަކާއި، ޗައިނާގެ ހިކްވިޝަންއާއި ސްޕެއިންގެ ސީއޭއެފް އަދި ދެކުނު ކޮރެއާގެ އެޗްޑީ ހުންޑާއީ ފަދަ ކުންފުނިތަކެވެ. މީގެ އިތުރުން އިސްރާއީލުގެ އެލްބިޓް ސިސްޓަމްސް އަދި ރަފައެލް ޑިފެންސް ސިސްޓަމްސް ފަދަ ހަތިޔާރު އުފައްދާ ކުންފުނިތައްވެސް ހިމެނެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވިދާޅުވީ، "މި ކުންފުނިތަކުން ފައިދާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިންސާނީ ކަރާމާތުން އަގު ދައްކަން ޖެހޭ ކަމަށާއި، މިކަން ހުއްޓުވަން ޖެހޭ" ކަމަށެވެ.
އެމްނެސްޓީން ގޮވާލާފައިވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުމާއި، އަސްކަރީ އަދި ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށެވެ. އަދި މީގެ އިތުރުން ޖާސޫސީ ކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ކްލައުޑް އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުން ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.
އެމްނެސްޓީން މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކުންފުނިތަކާ ގުޅޭގޮތުން ސުވާލު އުފައްދައި އެކުންފުނިތަކަށް ސިޓީ ފޮނުވާފައި ވެއެވެ. ނަމަވެސް އޭގެ ތެރޭން ޖަވާބުދީފައިވަނީ އެންމެ 5 ކުންފުންޏަކުންނެވެ. މި ކުންފުނިތަކުގެ ޙަރަކާތްތަކާ ގުޅޭގޮތުން އެމްނެސްޓީން އަހަރުތަކެއް ވަންދެން ދިރާސާކޮށް، ހަނގުރާމައިގެ ޖަރީމާތަކަށް ވާގިވެރިވާ ގޮތްތަކުގެ ހޯދުންތައް ރިކޯޑުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.






