އެޗް-1ބީ ވިސާގެ ފީއާ ގުޅިެގން އިންޑިއާގެ ހުނަރުވެރިން އިންޑިއާގައި ގެންގުޅުމަށް ގޮވާލައިފި

އެމެރިކާގެ އެޗް-1ބީ ވިސާ ޕްރޮގްރާމްގެ ދަށުން ބިދޭސި މުވައްޒަފުން ގެންގުޅޭ ކުންފުނިތަކުން އަހަރަކު 100،000 ޑޮލަރުގެ ފީއެއް ނެގުމަށް އެމެރިކާ ސަރުކާރުން ނިންމުމާ ގުޅިގެން އިންޑިއާ ސަރުކާރުން ބަޔާނއް ނެރިފއެވެ. އެބަޔާނަށް ފަހު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ސްޕޯކްސްޕަރސަން ރަންދިރު ޖައިސްވާލް ވިދާޅުވެފައިވަނީ، "އެޗް1ބީ ވިސާއާމެދު ދެކެމުންދާ ގޮތް ފުރިހަމަ އަސަރުތައް ދިރާސާކުރަމުން ގެންދާ ކަމަށާއި، އެމެރިކާގެ އިދާރާތަކުން މި ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދޭނެ ކަމަށް އުންމީދުކުރާ" ކަމަށެވެ.

އެޗް-1ބީ ވިސާ ޕްރޮގްރާމަކީ އިންޑިއާގެ އިންޖިނިއަރުންނާއި، އައިޓީ ޕްރޮފެޝަނަލުންނާއި، މެޑިކަލް އެކްސްޕާޓުން އެމެރިކާގައި ވަޒީފާ އަދާކުރުމަށް ބޭނުންކުރާ މައިގަނޑު ވިސާގެ ވައްތަރެވެ. އަދި މުޅި ދުނިޔޭގައި އެންމެ ގިނައިން އެޗް-1ބީ ވިސާ ލިބިފައިވާ މީހުންގެ ޤައުމަކީވެސް އިންޑިއާއެވެ.

އިންޑިއާ ސަރުކާރުން މިކަމާ ގުޅިގެން ދެއްކި މަޑުމައިތިރި ކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން ވަނީ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުކޮށްފައެވެ. ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުން ބުނެފައިވަނީ ސަރުކާރުން ޤައުމީ މަސްލަހަތު ދިފާއުކުރުމުގައި ފަހަތަށް ޖެހިފައިވާ ކަމަށެވެ. އިންޑަސްޓްރީ އެނަލިސްޓުން ވިދާޅުވާ ގޮތުގައި މި ވައްތަރުގެ ވިސާ ފީ އިތުރުކުރުމުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކުން ބޭރުގެ ފަންނީ އީޖާދީ ހުވަރުވެރި މުވައްޒަފުން ގެންގުޅުމަށް ޖެހިލުންވާނެއެވެ. އަދި، އިންޑިއާގެ ޕްރޮފެޝަނަލުން ބޭރުގައި މަސައްކަތްކުރުމުގެ ފުރުސަތު ހަނިވެގެން ހިނގައިދާނެއެވެ. "މިއީ އިންޑިއާއަށް ލިބޭ ރަނގަޅު ފިލާވަލެއް. މިހާރު އިންޑިއާއިން އަމާޒު ހިފަންވީ އިންޑިއާގެ އެތެރޭގައި ހުނަރުތައް ހިފަހައްޓައި، ދުނިޔޭގެ ފެންވަރުގެ ކުންފުނިތައް އިންޑިއާގެ އެތެރޭގައި އުފެއްދުމަށް" އެއް އިކޮނޮމިސްޓް މީޑިއާއާ ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!