އިސްލާމީ ޝަރީޢާގައި އެއް އަންބަށް ވުރެ ގިނަ އަނބީން ގެންގުޅުމަކީ މުސްލިމުންނަށް އެއްވެސް ޝަރުތަކާ ނުލައި ލިބިފައިވާ ޙައްޤެއް ނޫންކަމަށް ކެރެލާ ހައިކޯޓުން ބުނެފިއެވެ. ޖަސްޓިސް ޕީވީ ކުންހިކްރިޝްނަން ކުރެއްވި ޙުކުމްގައި ވިދާޅުވީ އެއް އަންބަށް ވުރެން ގިނަ އަނބީން ގެންގުޅެން ހުއްދަ ލިބިފައި ވަނީ އެއެންމެން ގެ ހައްގުތައް ހަމަކަމާއި އަދުލުވެރިކަމާއެކު ބަލަހައްޓަން ކުޅަދާނަވާ ފިރިމީހާއަށް ކަމަށެވެ.
މި މައްސަލައަކީ، މިސްކިތުގެ ކުރިމަތީގައި ސަލާން ޖަހައި އުޅޭ މީހެއްގެ ދެވަނަ އަނބި މީހާ އޭނާގެ އަތުން ޚަރަދު ހޯދަން ހުށަހެޅި މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ޙުކުމެކެވެ. އަންހެން މީހާ ބުނެފައި ވަނީ އޭނާގެ ފިރިމީހާ އޭނާއަށް އަނިޔާކުރާކަމަށާއި ވަރިކުރައް ބިރު ދައްކަމުންދާ ކަމަށާއި އަދި ތޔިން ވަނަ މީހަކާ އިންނާނެ ކަމަށް ބުނެ ބިރުދައްކާ ކަމަށެވެ. ހައިކޯޓަށް މި މައްސަލަ ހުށަހެޅީ ފެމިލީ ކޯޓުން، ފިރިމީހާ އަކީ ސަލާން ޖަހާ މީހެއްކަމަށް ބުނެ އޭނާގެ އަތުން ޚަރަދު ނަގައި ނުދެވޭނެ ކަމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.
ފެމިލީ ކޯޓުގެ ނިންމުން ދަމަހައްޓަމުން، ހައިކޯޓުން ވަނީ މިފަދަ މައްސަލަތަކުގައި ސަރުކާރުން ކައުންސެލިންގ ދޭން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެތައް އަނބިން ގެން ގުޅުމުން އަނިޔާ ލިބޭ އަންހެނުން ރައްކާތެރިކުރުމަށް ވެސް ކޯޓުން ވަނީ ގޮވާލާފައެވެ. ކޯޓުން ފާހަގަކުރި ގޮތުގައި ގިނަ ފަހަރަށް އެތައް އަނބިން އިޚުތިޔާރު ކުރަނީ ތަޢުލީމު ލިބިފައި ނެތުމާއި ހޭލުންތެރިކަން ނެތުމާއި ދީނީ ޤާނޫނުތަކުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ނެތުމުގެ ސަބަބުންނެވެ.
ހައިކޯޓުގެ ޙުކުމުގައި ދީނީ ޢިލްމުވެރިންނަށް ގޮވާލާފައި ވަނީ މިފަދަ ކަންކަމުން މުޖުތަމަޢު ހޭލުންތެރިކުރުމަށެވެ. އަދި މާލީ ގޮތުން ކުޅަދާނަވީ ނަމަވެސް، ގިނަ މުސްލިމުން އިޚްތިޔާރުކުރަނީ އެއް އަނބި ގެންގުޅެން ކަމަށްވެސް ޙުކުމް ގައި ފާހަގަ ކޮށްފައި ވެއެވެ. މީގެއިތުރުން، ނިކަމެތި ރައްޔިތުންގެ ނާޖާއިޒު ފައިދާ ނުނެގޭ ގޮތަށް ނިޒާމު ބައްޓަން ކުރުމަށްވެސް ގޮވާލާފައި ވެއެވެ. އަދި ދީނުގެ ނަމުގައި ހިންގާ ކަންކަމުގައި ޢަދުލުވެރިކަން ޤާއިމުކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށްވެސް ޙުކުމްގައި ފާހަގަ ކޮށްފައި ވެއެވެ.



