އިންޑިއާގެ ނަވްރާތްރީ ފެސްޓިވަލް ފެށުމުގެ ކުރިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ޖީއެސްޓީ ނިޒާމަށް ގެނައި ބަދަލަށް އަމަލު ކުރަން ފެށުމާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވާފައެވެ. މޯދީ ވަނީ ޖިއެސްޓީ ފެސްޓިވަލްގެ ނަމުގައި "ޖީއެސްޓީ ބަޗަތް އުތްސަވް" ގެ ޝިއާރުގެ ދަށުން އާ އިސްލާހުތަކެއް ތަޢާރަފުކުރައްވައިފައެވެ. އިންޑިއާއިން އަލަށް އިސްލާޙު ކޮށްފައިވާ ޖީއެސްޓީގެ ނިޒާމަށް އަމަލު ކުރާނީ މާދަމާއިން ފެށިގެން ނެވެ. މިއީ އިންޑިއާގެ ގޭބިސީތަކުގެ މާލީ ބުރަ ލުއިކުރުމަށް އަމާޒުކޮށްގެން ފަށާ ގައުމީ ސޭވިންގްސް ފެސްޓިވަލެއް ކަމުގައި ވެސް މޮދީ ފާހަގަ ކުރެއްވިއެވެ.
ޖީއެެސްޓިއަށް ގެނަސްފައިޥާ އިސްލާޙުތަކާއެކު، މެދު ފަންތީގެ ރައްޔިތުންނަށް "ދެގުނަ ފައިދާ" ލިބޭނެ ކަމަށް މޮދީ ވައުދުވެ ވަޑައިގަތެވެ. އަދި ބޮޑުވަޒީރު މޯދީ ވިދާޅުވީ މި އިސްލާހުތަކަކީ މި ފަހަރުގެ ދިވާލީގެ ޢީދު މޫސުމާ ދިމާކޮށް ގަންނަ މުދަލާއި ޚިދުމަތުގެ ޓެކްސް ނިޒާމުގައި ރައްޔިތުންނަށް ދެވޭނެ ބޮޑު ލުޔެއް ކަމަށެވެ. "މާދަމާއިން ފެށިގެން، މުޅި ގައުމުގައި ޖީއެސްޓީ ބަޗަތް އުތްސަވް ފާހަގަކުރާނެ. ރައްޔިތުންގެ ސޭވިންގްސް އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ތަކެތި އަގު ހެޔޮކޮށް ގަނެވޭނެ. މި އިސްލާހުން މުޖުތަމަޢުގެ ހުރިހާ ފަންތިއަކަށް ފައިދާކުރާނެ،" މޮދީ ގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވިއެވެ.
މި އިސްލާޙުތަކަކީ އިންޑިއާއިން ޖީއެސްޓީ ނަގަން ފެށިފަހުން ގެނަސްފައިވާ ދެވަނަ އިސްލާޙެވެ. މި އިސްލާހުގައި ކުރިން އޮތް ހަތަރު ގިންތީގެ މުދަލުން ޖީއެސްޓީ ނެގުން ވަނީ 5 އިންސައްތަ އަދި 18 އިންސައްތައިގެ ދެ ގިންތިއަށް މިހާރު ބަދަލުކޮށްފައެވެ. މީގެ ކުރިން 12 އިންސައްތައިގައި ޓެކްސް ނެގުނު 99 އިންސައްތަ ބާވަތުގެ މުދާ މިހާރު ވަނީ 5 އިންސައްތައަށް ބަދަލުކޮށްފައެވެ. އަދި ކުރިން 28 އިންސައްތައިގެ ގިންތީގައި ހުރި 90 އިންސައްތަ މުދާ މިހާރު ވަނީ 18 އިންސައްތަ އަށް ބަދަލުކޮށްފައެވެ. ނަމަވެސް ލަގްޒަރީ އައިޓަމްތަކަށް ޖީއެސްޓީ ނަގާ ގިންތިއަށް ބަދަލު ގެނަސްފައެއް ނުވެއެވެ. ލަގްޒަރީ އައިޓަމްތަކަށް ކުރިންވެސް ނަގަމުން އައި ގޮތަށް 40 އިންސައްތައިގެ ޖީއެސްޓީއެއް ނަގާނެއެވެ.
މޮދީގެ ތަގްރީރުގައި އެންމެ މުހިންމު ކަމަކަށް ގޮވާލެއްވީ ރައްޔިތުން ގައުމުގެ އަމިއްލަ އުފެއްދުންތައް ގަތުމަށެވެ. އެގޮތުން އިންޑިއާގެ އަމިއްލަ އުފެއްދުންތަކަށް ޚާއްސަ އިސްކަމެއް ދިނުމަށް ގޮވާލައްވަމުން މޯދީ ވަނީ "ކޮންމެ ގެއަކީވެސް އަމއިްލަ އުފެއްދުންތެރިކަން ރަމްޒުކޮށްދޭ ތަނަކަށް ހެދުމަށް އަދި ކޮންމެ ފިހާރައެއްވެސް އަމިއްލަ އުފެއްދުންތަކުން ޒީނަތްތެރިކުރަން ޖެހޭ،" ތަނެއް ކަމަށް ވިދާޅުވެފައެވެ.
މޮދީ ވިދާޅުވީ މި އިސްލާހުތަކަކީ ގައުމު އަމިއްލަ ނަފްސަށް ބަރޯސާވާ ޝިއާރު ކަމަށްވާ "އަތްމާނިރްބަރް ބަރަތް" ގެ ތަސައްވުރާ ގުޅިފައިވާ ކަމެއްކަމަށެވެ.



