އިންޑިއާއިން ޖީއެސްޓީ ރޭޓް ކުޑަ ކުރުމުން އަސަރުކުރަނީ ކޮންކޮން ބާވަތަކަށް؟

އާންމުކޮށް ގޭބިސީތަކަށް ކޮންމެ ދުވަހަކު ގަންނަ މުދަލުގެ އަގުތައް ދަށް ވާނެއެވެ. ނަމަވެސް ލަގްޒަރީ މުދާކަމަށް ކަނޑައަޅާފައިވާ ބަނގުރާ، ސިނގިރޭޓް ނުވަތަ މަތީ ސީސީގެ ސައިކަލް ފަދަ ތަކެތި އަގު ބޮޑުވާނެއެވެ.

ޖީއެސްޓީއަށް ދީފައިވާ ލުއި ފެށެނީ ބަދިގޭގެ މޭޒުމަތީންނެވެ. އިންޑިއާގެ ކިރުގެ ބާވަތްތައް އުފައްދާ ކުންފުނިތަކުން ވަނީ 400 އެތައް ބާވަތެއްގެ މުދަލުގެ އަގުހެޔޮ ވެއްޖެ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ބިސްކޯދާއި ގިތެޔޮ، ބަތަރ އަދި ޗޮކްލެޓްފަދަ ބާވަތްތައް ހިމެނެއެވެ.

އިލެކްޓްރޯނިކްސް އާއި ގޭތެރޭގައި ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނުތަކަކީ އެންމެ ބޮޑަށް އަގުހެޔޮވާނެ އެއް ބާވަތެވެ. އެއާކޮންޑިޝަނަރާއި ޑިޝްވޮޝަރު އަގުހެޔޮވާނެއެވެ. އަދި ޓީވީ އާއި، ކޮމްޕިއުޓަރު މޮނިޓަރ، އަދި ޕްރޮޖެކްޓަރުވެސް ކުރިއަށް ވުރެން އަގުހެޔޮ ވާނެއެވެ.

އާދައިގެ ފްރިޖްތަކާއި ސްމާޓްފޯނުތަކުގެ އަގުވެސް ހެޔޮ ވާނެއެވެ.

ބައެއް އުޅަނދުފަހަރުގެ އަގުތައްވެސް ކުރިއަށް ވުރެން ހެޔޮވާނެއެވެ. އެގޮތުން މާރޫތީ ސުޒުކީ ކުންފުނިން ވަނީ އަލްޓޯ، ސްވިފްޓް، ބްރެޒާ، އަދި ބަލޭނޯ ފަދަ މޮޑެލްތަކުގެ އަގު ހެޔޮކޮށްފައެވެ.

ދެ ފުރޮޅުލީ އުޅަނދު ގެ އަގުވެސް ހެޔޮ ވާނެއެވެ. ސުޒުކީ އިން ވަނީ 350ސީސީއާ ހަމައަށް ސައިކަލާއި ސްކޫޓަރުގެ އަގު ހެޔޮކޮށްފައެވެ. ވަކިން ޚާއްސަކޮށް 250 ސީސީގެ އުޅަނދުގެ އަގުތައް މާބޮޑަށްވެސް ހެޔޮ ވާނެއެވެ.

އުނގެނުމަށް ބޭނުން ކުރާ ސާމާނާއި ކުޑަކުދިންނަށް ކޮންމެހެން ބޭނުންވާ ތަކެތިވެސް އަގު ހެޔޮ ވާނެއެވެ. އެގޮތުން ފޮތް ފަންސުރު ފަދަ ސްޓޭޝަންރީ ބާވަތްތަކގެ ޖީއެސްޓީ އުޅޭނީ ސުން އިންސައްތައިގައެވެ.

ހެލްތު އަދި ލައިފް އިންޝުއަރެންސްގެ ޕްރީމިއަމް އަށް ޖީއެސްޓީއެއް ނުނަގާނެއެވެ.

މިއީ މެދުފަންތީގެ އާއިލާތަކަށް ބޮޑު ސޭވިންގއަކަށް ވާނެއެވެ.

ސިއްހީ ދާއިރާގައި ކުރިން 12 އިންސައްތައަށް ޖީއެސްޓީ ނަގަމުން އައި 33 ބާވަތެއްގެ ފުރާނަ ސަލާމަތް ކުރުމަށް ބޭހަށް މިހާރު ޖީއެސްޓީއެއް ނުނަގާނެއެވެ.

ކެންސަރާއި މަދުން ނޫނީ ނުފެންނަ ނާދިރު ބަލިތަކާއި ދިގުމުއްދަތުގެ ބަލިތަކަށް ފަރުވާ ދިނުމުގައި ބޭނުންކުރާ އިތުރު ތިން ބާވަތެއްގެ ބޭހުގެ ޖީއެސްޓީ ނަވީ 5 އިންސައްތައަށް ދަށްކޮށްފައެވެ.

އަސްކަރީ ދާއިރާއަށް ބޭނުންވާ ބާވަތްތަކުންވެސް ޖީއެސްޓިއެއް ނުނަގާނެއެވެ. އެގޮތުން، ފްލައިޓް މޯޝަން އަދި ޓާގެޓް މޯޝަން ސިމިއުލޭޓަރުތަކާއި މިސައިލްތަކާއި ރޮކެޓްތަކާއި ޑްރޯންތަކާއި އިންސާނުން ނެތް އުޅަނދުތަކާއި ސީ-130 އަދި ސީ-295 ފަދަ އަސްކަރީ މަތިންދާބޯޓުތަކާއި ފުނަށް ފީނާ އުޅަނދުތަކާއި އަދި ޚާއްސަ ހައި ޕާފޯމަންސް ބެޓެރީތަކުގެ ބާވަތްތަކުން ޖީއެސްޓީ ނުނަގާނެއެވެ.

ސިނގިރޭޓާއި، ޕާން މަސާލާއާއި، ގުޓްކާއާއި ދުންފަތުން 40 އިންސައްތައަށް ޖީއެސްޓީ ނަގާނެއެވެ.

ހަކުރު ގިނައިން ހިމަނާފައި ހުންނަ އެއަރޭޓެޑް ބުއިންތަކުންވެސް 40 އިންސައްތަ ނަގާނެއެވެ.

ބޮޑެތި ސައިކަލްތަކާއި ރޯޔަލް އެންފީލްޑްގެ ހިމާލަޔަން ފަދަ ނުވަތަ 650ސީސީ ގެ އުޅަނދު ތަކުގެ އަގު ބޮޑު ވާނެއެވެ.

ލަގްޒަރީ ކާރުތަކާއި އެސްޔޫވީތަކުގެ އަގު ބޮޑުވާނެ އެވެ.

އަދި ބޭރުން އެތެރެކުރާ ލަގްޒަރީ ގަޑިތަކުގެ އަގުވެސް ބޮޑު ވާނެއެވެ.

މާދަމާ އިން ފެށިގެން އިންޑިއާގައި މުދަލުގެ އަގުތައް ހެޔޮވާއިރު އަދިވެސް މުދަލުގައި ހުންނާނީ ކުރިން ޖަހަމުންދިޔަ އެމްއާރްޕީ އަގުތަކެވެ. ނަމަވެސް އަމިއްލައަށް ސްޓިކާ ޖަހައިގެން އަގު ބަދަލު ކުރުމަށް ވާނީ އަންގާފައެވެ. އެކަމަކު މިހާރު ޕްރިންޓްކޮށްފައި ހުރި އަގުތައް އިސްލާހު ކޮށްގެން 2026 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ކުރެވިދާނެއެވެ. އެއަށްފަހު އެ އަގުތައް ޖަހައިގެން ތަކެތި ވިއްކުން މަނާ ވާނެއެވެ.

ހިއްސާ ކުރައްވާ!