ޔަމަނަށް ސައުދީން 1.38 ބިލިއަން ރިޔާލުގެ އިތުރު އެހީއެއް ދޭން ނިންމައިފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން ޔަމަނަށް 1.38 ބިލިއަން ރިޔާލާއި 250،000 ރިޔާލުގެ އިތުރު އެހީއެއް ފޯރުކޮށްދޭން ނިންމައިފިއެވެ. މި އެހީ ފޯރުކޮށްދޭނީ ސައުދީ ޔަމަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮގްރާމް މެދުވެރިކޮށެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އެހީ ދިނުމަށް ނިންމާފައިވަނީ ޔަމަނުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. ރަޝާދު އަލްއަލީމީގެ އެދިވަޑައިގަތުމަކަށް އިޖާބަދެއްވުމުގެ ގޮތުންނެވެ. އަދި މިއީ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށާއި އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް ސައުދީ އަރަބިއްޔާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ދެވޭ އެހީއެއްކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޔަމަނުގެ ސަރުކާރުގެ ރައީސް ހުންނަވަނީ ޖިއްދާގެ ހޮޓަލެއްގައެވެ. އޭނާއަކީ އިންތިޚާބަކުން ވެރިކަން ހޯއްދަވާފައިވާ ބެއްފުޅެއް ނޫނެވެ.

މި އެހީގެ ދަށުން ޔަމަނު ސަރުކާރުގެ ބަޖެޓަށާއި، ތެލުގެ އުފެއްދުންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން އަދަން ސިޓީގައި ހުންނަ ޕްރިންސް މުހައްމަދު ބިން ސަލްމާން ހޮސްޕިޓަލްގެ ހިންގުމުގެ ބަޖެޓަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި އެހީ ދިނުމަށް ނިންމާފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިރުޝާދުގެ ދަށުން، ސައުދީ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާންގެ ހުށަހެޅުމަކަށް ބިނާކޮށެވެ. މިއީ ޔަމަނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުގެ ތެރެއިން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދެވޭ އެހީއެކެވެ.

ހިއްސާ ކުރައްވާ!