ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާއިން 8 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަނީ

އިންޑިއާގެ ބަނދަރުތަކާއި ކަނޑުގެ ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި 8.4 ބިލިއަން ޑޮލަރުގެ ތިން މަޝްރޫއެއް ފެށުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނު ކުރައްވައިފިއެވެ. މި މަޝްރޫއުތަކުގެ މައިގަނޑު އަމާޒަކީ އުޅަނދުފަހަރު ބަނުމުގެ ދާއިރާ ކުރިއަރުވައި، ބޭރުގެ އުޅަނދުތަކަށް ކުރަމުންދާ އިތުބާރު ކުޑަކުރުމެވެ.

ބާވްނަގަރުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި، އިންޑިއާއިން މިހާރު ބޭރުގެ ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތަކަށް އަހަރަކު ހޭދަކުރަނީ 72 ބިލިއަން ޑޮލަރު ކަމަށެވެ. މިއީ އެ ގައުމުގެ ދިފާއީ ބަޖެޓާ އެއްވަރުގެ އަދަދެކެވެ.

މޮދީ އިއުލާން ކުރެއްވި ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތިން މަޝްރޫއަކީ:

އާގުބޯޓު ބަނުމުގެ ދާއިރާއަށް ސަރުކާރުން ޚަރަދު ކުރާނެ 3 ބިލިއަން ޑޮލަރުގެ މަޝްރޫއަކާއި،

ކަނޑުދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށް ޚަރަދު ކުރާ 3 ބިލިއަން ޑޮލަރުގެ މަޝްރޫއަކާއި،

އާގުބޯޓު ބަންނަ ފަރާތްތަކަށް އެހީތެރިވުމަށް ހޭދަކުރާ 2.4 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މި ސްކީމުތަކަށް އަމަލު ކުރަން ފެށުމާއެކު އާގު ބޯޓު ބަނުމުގެ ސިނާއަތް ތަރައްގީ ކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ލުއި ގޮތަކަށް އެސިނާއަތަށް ލޯނު ދޭނެއެވެ.

އިންޑިއާއަކީ އާގު ބޯޓު ބަނުމުގެ ދާއިރާގައި އަދި އާގުބޯޓު މިލްކުކުރުމުގެ ދާއިރާގައި މިހާރު ދުނިޔޭގައި 16 ވަނައިގައި ހިމެނޭ ގައުމެކެވެ. އަދި އިންޑިއާގެ އާގުބޯޓުތަކުން އެގައުމުގައި ބަންނަނީ އެންމެ 7 ޕަސެންޓްގެ ބޯޓުތަކެވެ.

އަދި އެކްސްޕޯޓް-އިމްޕޯޓް މުދާ އުފުލުމުގައި އިންޑިއާގެ އާގުބޯޓުގެ ހިއްސާ 1988 ވަނަ އަހަރު 41 ގައި އޮތް އިރު މިހާރު އެ ހިއްސާ ވަނީ 5 އިންސައްތައަށް ދަށްވެފައެވެ.

ހިއްސާ ކުރައްވާ!