އިންޑިއާ އާއި ކެނެޑާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ އިތުބާރު އާލާކުރުމަށްޓަކައި، އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތް ޑޯވަލް އާއި ކެނެޑާގެ ނެޝަނަލް ސެކިއުރިޓީ އެންޑް އިންޓެލިޖެންސް އެޑްވައިޒަރ ނަތާލީ ޖީ. ޑްރޮއިން ވަނީ ނިއު ދިއްލީގައި ބައްދަލުކުރައްވާފައެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ސަލާމަތީ އެއްބާރުލުން އިތުރުކުރުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، އަދި ބައިނަލްއަގުވާމީ ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މައްސަލަތަކާ މެދު މަޝްވަރާކުރެވުނެވެ.
މީގެއިތުރުން، ޚާރިޖީ ވުޒާރާގެ ފެންވަރުގައިވެސް މަޗްވަރާ ކޮށްފައި ވެއެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުމުގެ މިހާރުގެ ހާލަތާއި، ސަރަހައްދީ އަދި ދުނިޔޭގެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ކެނެޑާގެ ބޮޑުވަޒީރު މާރކް ކާނީ އާ ދެމެދު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް، ވިޔަފާރި، ދިފާއީ، ހަކަތަ، ސިވިލް ނިއުކްލިއަރ އެއްބާރުލުން، ކްރިޓިކަލް މިނަރަލްސް، ސްޕޭސް، ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް އަލުން ފެށި، ސްޓްރެޓެޖިކް އަމާޒުތައް ވާސިލު ވުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، އިންޑިއާ-ކެނެޑާ ގުޅުމަށް ކުރިން އެޅުނު ޚާލިސްތާނީ ޓެރަރިސްޓް ޖަމާއަތުގެ ހިޔަނިން ސަލާމަތް ވާނެ ކަމަށް ބެލެވެއެވެ. ދެގައުމުގެ ގުޅުން ބިނާވެގެންދާނީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމާއި، ސަރަހައްދީ ސުލްހަ ދެމެހެއްޓުމުގެ މައްޗަށް ކަމަށް ދެފަރާތުން ބުނެފައި ވެއެވެ.




