ފްރާންސްގެ ކުރީގެ ރައީސް ނިކޮލާ ސަރކޯޒީއަށް ފަސް އަހަރުގެ ޖަލު ހުކުމެއް

ފްރާންސްގެ ކުރީގެ ރައީސް ނިކޮލާއި ސަރކޯޒީ، އަށް 5 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ. އޭނާއަށް ތުހުމަތުކޮށްފައި ވަނީ ލީބިޔާގެ ޒަޢީމް މުޢައްމަރު ގައްޒާފީގެ ސަރުކާރުން 2005 އިން 2007 އާއި ދެމެދު އެތައް މިލިއަން ޔޫރޯގެ ފައިސާ ހޯއްދެވިކަމުގެ ތުހުމަތުގައެވެ. އޭނާއަށް ޙުކުމް އިއްވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ޕެރިސްގެ ކްރިމިނަލް ކޯޓުން އޭނާއަށް އިއްވާފައި ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

މިއީ ފްރާންސްގެ ކުރީގެ ރައީސަކަށް ޖަލު ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.

ޢުމުރުން 70 އަހަރުގެ ސަރކޯޒީއަށް، ތުހުމަތު ކުރެވުނު ކެމްޕޭނަށް ޣައިރުޤާނޫނީ ގޮތުން ފައިސާ ހޯއްދެވުމާއި ރިޝްވަތު ޤަބޫލުކުރުންފަދަ އެހެން ދަޢުވާތަކުން ވަނީ ބަރީއަވެފައެވެ.

ސަރކޯޒީ ވަނީ އޭނާއަށް ކުރި ހުރިހާ ދަޢުވާއެއްވެސް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވަނީ، 2011 ވަނަ އަހަރު ލީބިޔާގެ ސަރުކާރާ ދެކޮޅަށް (އެމެރިކާ އިސްްވެ އޮވެގެން) ހިނގި ހަމަނުޖެހުންތަކަށް އޭނާ ތާއީދުކުރެއްވީތީ، ގައްޒާފީގެ ވަށައިގެން ތިބި މީހުން އޭނާއާ ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާއާ ދެކޮޅަށް ދަޢުވާކޮށްފައިވަނީ ކަމަށެވެ.

 

ހިއްސާ ކުރައްވާ!