ތައިވާނުގެ ސެމިކޮންޑަކްޓަރ ދާއިރާގެ ބާރުވެރިކަން ބޭނުންކޮށްގެން، ޗައިނާގެ ނުފޫޒާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅެއްގެ ގޮތުން، ސައުތު އެފްރިކާއަށް ސެމިކޮންޑަކްޓަރ އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ތައިވާނުން ނިންމައިފިއެވެ. މިއީ ގްލޯބަލް ޗިޕް ހަނގުރާމައިގެ އައު މަރުހަލާއެއްގެ ފެށުމެވެ.
އަންގާރަ ދުވަހު ތައިވާނުން މި ފިޔަވަޅު އަޅަމުން ބުނެފައިވަނީ ސައުތު އެފްރިކާގެ ފަރާތުން "ޤައުމީ އަދި އާންމު ސަލާމަތަށް ނުރައްކާވާފަދަ" ޢަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. މިއީ ތައިވާނުން އެ ޤައުމުގެ ސެމިކޮންޑަކްޓަރ ދާއިރާ ޑިޕްލޮމެޓިކް ހަތިޔާރެއްގެ ގޮތުގައި ސީދާ ބޭނުންކުރި ފުރަތަމަ ފަހަރެވެ.
މި ނިންމުން އައިސްފައިވަނީ ސައުތު އެފްރިކާއިން ޗައިނާއާ އެކު ގުޅުން ބަދަހިކުރަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ޤައުމާ ޑިޕްލޮމެޓިކް ގުޅުން އޮންނަ ޤައުމުތަކުން ތައިވާނާ އެކު އޮންނަ ރަސްމީ ގުޅުން ކަނޑާލުމަށެވެ. ދެކުނު އެފްރިކާއަށް ސަޕްލައިކުރާ އެޑްވާންސްޑް ޗިޕްތައް ހުއްޓާލުމުގެ އިތުރުން ތައިވާނުން މަސައްކަތް ކުރަނީ އެ ޤައުމުގެ މިނިވަންކަމާއި ބައިނަލްއަޤްވާމީ ނުފޫޒު ދަމަހައްޓަން ކަމަށް ތައިވާނުން ބުންޏެވެ.
މީގެ ކުރިން އެމެރިކާއިން ވެސް ވަނީ ތައިވާންގެ ޓީއެސްއެމްސީއިން ޗައިނާއަށް ޗިޕް ސަޕްލައި ކުރުމަށް ދީފައިވާ ޚާއްސަ ހުއްދަ ބާޠިލްކޮށްފައެވެ.
ތައިވާނުން ސައުތު އެފްރިކާއަށް އަޅާފައިވާ މި އައު ފިޔަވަޅަކީ ޗައިނާގެ ޓެކްނޮލޮޖީ ކުރިއެރުމަށް އިތުރު ހުރަހެއް ކަމަށް ބެލެވެއެވެ. އެނަލިސްޓުންގެ ނަޒަރުގައި މިއީ ޗިޕް އުފައްދާ އެހެން ޤައުމުތަކުންވެސް ޓެކްނޮލޮޖީ، ޑިޕްލޮމެޓިކް ބާރެއްގެ ގޮތުގައި ބޭނުން ކުރަން މަގުފަހިވެދާނެ ކަމެކެވެ.
ދުނިޔޭގެ ސެމިކޮންޑަކްޓަރ ވާދަވެރިކަން އިތުރުވަމުންދާއިރު، ތައިވާނުގެ މި އެންމެ ފަހުގެ ފިޔަވަޅުން ދައްކުވައިދެނީ އެ ޤައުމުގެ ޓެކްނޮލޮޖީގެ ދާއިރާގެ ސްޓްރެޓެޖިކް އަގު ދަމަހައްޓާނެ ކަމަށެވެ. އަދި އިޤްތިޞާދީ ގޮތުންނާއި ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި ދިފާޢީ އަދި ހަމަލާދޭ ހަތިޔާރެއްގެ ގޮތުގައިވެސް ތައިވާނުން ޓެކްނޮލޮޖީ ބޭނުން ކުރާނެ ކަމަށެވެ.





