ޑެނިޝް ފާމަސޫޓިކަލް ކުންފުނި ނޯވޯ ނޯޑިސްކްއިން އުފައްދާ، ހަފްތާއަކު އެއްފަހަރު ޖަހަންޖެހޭ އޮޒެމްޕިކް (ސެމަގްލުޓައިޑް) އިންޖެކްޝަން އިންޑިއާގައި ބޭނުންކުރުމުގެ ހުއްދަ ދިފިއެވެ. މިއީ އިންޑިއާގައި އިތުރުވަމުންދާ ހަކުރުބަލި އަދި ޓައިޕް 2 ޑައިބެޓީސްއާއި ފަލަ ބައްޔަށް ފަރުވާއެއްގެ ގޮތުން ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނީގެ އިންޑިއާގެ އިސްވެރިން ބުނެފައިވެއެވެ.
އިންޑިއާގައި މިހާރު 101 މިލިއަނަށްވުރެ ގިނަ މީހުން ޓައިޕް 2 ޑައިބީޓިސް އަށް ފަރުވާ ހޯދަމުންދާއިރު، 254 މިލިއަނަށްވުރެ ގިނަ މީހުންނަކީ ފަލަ ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ. މިއަދަދު ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދެގުނަ އިތުރުވެފައި ވެއެވެ. އޮޒެމްޕިކްއަކީ 2017 ވަނަ އަހަރު އެމެރިކާގެ އެފްޑީއޭއިން ހުއްދަ ދީފައިވާ ބޭހެކެވެ.
އޮޒެމްޕިކްގެ މައިގަނޑު ބޭނުމަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމެވެ. އަދި މީގެ އިތުރުން ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް ވެސް މި ބޭސް އެހީތެރިވެދޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހަމައެހެންމެ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށްވެސް މި ބޭހުން އެހީތެރިކަން ލިބެއެވެ.
ނޯވޯ ނޯޑިސްކްގެ އިންޑިއާގެ މެނޭޖިންގ ޑިރެކްޓަރު ވިކްރަންޓް ޝްރޯޓިޔާ ވިދާޅުވި ގޮތުގައި މި ބޭސް އިންޑިއާގައި ވިއްކަން ފެށުމާއެކު، އެ ކުންފުނީގެ ސެމަގްލުޓައިޑް ޕޯޓްފޯލިއޯ ފުރިހަމަވެގެންދާނެއެވެ. މީގެ ކުރިން އިންޑިއާގައި ވަނީ ސެމަގްލުޓައިޑްގެ ކެއުމަށް ދޭ ބޭހާއި، ފަލަ ބަލީގެ ފަރުވާއަށް ބޭނުންކުރާ ވެގޯވީ ވިއްކަން ފަށާފައެވެ.
އޮޒެމްޕިކްގެ ޕޭޓެންޓް 2026 ވަނަ އަހަރުގެ މާރިޗު މަހު ހަމަވުމުން، އިންޑިއާގެ ބޭސް އުފައްދާ ކުންފުނިތަކަށް މި ބޭހުގެ ޖެނެރިކް ވައްތަރު އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ މި ބޭހުގެ އަގު ހެޔޮކޮށް އިތުރު ބަޔަކަށް މި ބޭސް ލިބޭނެ މަގު ފަހިވެގެންދާނެ ކަމެކެވެ. ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ އޮޒެމްޕިކް އެ ޖަމްއިއްޔާގެ އަސާސީ ބޭސްތަކުގެ ލިސްޓަށް އިތުރުކޮށްފައެވެ.



