ދުނިޔޭގެ މުނިފޫހިފިލުވުމުގެ ސިނާއަތަށް ބޮޑު ބަދަލެއް އަތުވެދާނެ ފަދަ ނިންމުމެއް އެމެރިކާގެ ރައީސް ޓްރަމަޕް ނިންމައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން ބޭރުގައި އުފައްދާ ހުރިހާ ފިލްމުތަކަކަށް 100 އިންސައްތައިގެ ޓެރިފެއް ނެގުމަށް ނިންމަވާފައެވެ. މި ނިންމުން އިއުލާނު ކޮށްފައި ވަނީ ޓްރުތް ސޯޝަލް މެދުވެރިކޮށެވެ.
"އެމެރިކާގެ ފިލްމު އުފެއްދުމުގެ ވިޔަފާރި ވަނީ އެހެން ގައުމުތަކުން ވަގަށް ނަގާފައި، ކުޑަކުއްޖެއްގެ އަތުން މެޓާ ވަގަށް ނަގާ ފަދައިން،" ޓްރަމްޕް ބުނެފައި ވެއެވެ. އަދި ބޭރު ގައުމުތަކުން އެމެރިކާގެ ފިލްމު އިންޑަސްޓްރީއަށް ހުރަސްއަޅަމުންދާ ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.
އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ޓެރިފަކީ، ޓްރަމަޕްގެ ސަރުކާރުގެ ފަރާތުން މަސްތަކެއް ވަންދެން ދެމުން އައި އިޝާރާތްތަކެއްގެ ނަތީޖާއެކެވެ. މޭ މަހު، ޓްރަމްޕް ވަނީ ޑިޕާޓްމަންޓް އޮފް ކޮމާސް އަދި ޔޫއެސް ޓްރޭޑް ރެޕްރެޒެންޓެޓިވްއަށް މި ސިޔާސަތު އެކުލަވާލުމަށް އަންގާފައެވެ.
ނަމަވެސް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ނިންމުމުގެ ސަބަބުން އެމެރިކާއަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ. ޑިސްނީ، ޕެރަމައުންޓް އަދި ވަނަރ ބްރަދާސް ފަދަ ބޮޑެތި ސްޓޫޑިއޯތަކުން އާންމުކޮށް ބޭރު ގައުމުތަކުގައި ފިލްމު އުފައްދަނީ ޚަރަދު ކުޑަކުރުމަށްޓަކައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން އަދިވެސް އަރައިނުގަނެވި އޮތް މި ސިނާއަތަށް މި ޓެރިފްގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.
މި އިއުލާނާ ގުޅިގެން މާކެޓަށްވެސް ވަނީ އަސަރުކޮށްފައެވެ. ރޮއިޓަރޒްގެ ރިޕޯޓުގައިވާ ގޮތުން، ނެޓްފްލިކްސްގެ ހިއްސާ 1.4 އިންސައްތަ އަދި ވޯނަރ ބްރޮސް ޑިސްކަވަރީގެ ހިއްސާ 0.6 އިންސައްތަ އަށް ދަށަށް ގޮސްފައިވެއެވެ.






