އިންޑިއާގެ ބިޝްނޯއި ގޭންގަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކެނެޑާ ސަރުކާރުން ރަސްމީކޮށް ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައެޅުމާއެކު، މި ގޭންގުގެ މެންބަރުންގެ މުދާ ހިފެހެއްޓުމާއި، ފައިސާގެ މުއާމަލާތްތައް ހުއްޓުވުމާއި، ޓެރަރިޒަމް ގާނޫނުގެ ދަށުން ދައުވާކުރުމުގެ ބާރު ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިގެންދާނެއެވެ.
ކެނެޑާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ގެރީ އަނަންދަސަންގަރީ ވިދާޅުވި ގޮތުގައި މި ގޭންގުން ކެނެޑާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ މުޖުތަމައުތަކުގައި "ބިރުވެރިކަމާއި ނުރައްކާތެރި މާހައުލެއް" އުފައްދާފައި ވެއެވެ. "ވަކި ބަޔަކަށް އަމާޒުކޮށް ބިޝްނޯއި ގޭންގުން ބިރު ދައްކައި އަނިޔާވެރިވެފައިވޭ،" އަނަންދަސަންގަރީ ވިދާޅުވިއެވެ.
މިހާރު އިންޑިއާގެ ޖަލެއްގައި ބަންދުކޮށްފައި ހުރި 32 އަހަރުގެ ލޯރެންސް ބިޝްނޯއި އިސްކޮށް ހަރަކާތްތެރިވި މި ގޭންގަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދެކުނު އޭޝިއާގެ ދަރިކޮޅުގެ އާބާދީތަކުގައި ހަރަކާތްތެރިވާ ކުށްވެރި ޖަމާއަތެއް ކަމަށް ކެނެޑާގެ އިދާރާތަކުން ބުނެއެވެ. އިންޑިއާގެ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި ބިޝްނޯއި ޖަލުގައި ހުރެގެންވެސް 700 އަށްވުރެ ގިނަ މެންބަރުން ހިމެނޭ ވިއުގައެއް ހިންގަމުން ގެންދެއެވެ. މި ވިއުގައިން މަސްތުވާތަކެތީގެ ވިޔަފާރިއާއި، ބިރުދެއްކުމާއި، އަމާޒުކޮށްގެން މީހުން މެރުމުގެ ޢަމަލުތައް ހިންގައެވެ.
މި ގޭންގު ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމާއެކު، މި ގޭންގުގެ ހަރަކާތްތަކާ ގުޅުންހުރި ޓެރަރިސްޓް ފައިނޭންސިންގ، މެންބަރުން ރެކްރޫޓްކުރުން އަދި ދަތުރުފަތުރާ ގުޅޭ މުއާމަލާތްތައް ހުއްޓުވުމާއި ދައުވާތައް ކުރުމުގެ ގާނޫނީ ބާރު ކެނެޑާގެ އިދާރާތަކަށް ލިބިގެންދާނެއެވެ.
މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ހިންގޭ ޖަރީމާތަކުން ގައުމީ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ކެނެޑާއިން އަޅާ ފިޔަވަޅެއް ކަމުގައި ުިނެފައި ވެއެވެ.




