މޮރޮކޯގެ 11 ސިޓީއެއްގައި އެތައް ސަތޭކަ ޒުވާނުން ބައިވެރިވެގެން، ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަން ފަށައިފިއެވެ. މިއީ މި ފަހުން މޮރޮކޯއިން ފެނުނު އެންމެ ފުޅާ ދާއިރާގެ މުޒާހަރާތަކެވެ. މި މުޒާހަރާތަކުގައި ޞިއްޙީ ޚިދުމަތް ރަނގަޅު ކުރުމަށާއި، ތަޢުލީމީ ދާއިރާ އިސްލާޙު ކުރުމަށާއި އަދި ވަޒީފާގެ ފުރުޞަތުތައް ރަނގަޅުކުރުމަށް ގޮވާލަމުން ދެއެވެ.
"ޖެން-ޒީ 212″ ގެ ނަމުގައި އުފައްދާފައިވާ ޖަމާޢަތަކުން އިސްނަގައިގެން ކުރިއަށްގެންދާ މި މުޒާހަރާތައް ފެށިފައިވަނީ މިދިޔަ ހަފްތާގަ އެވެ. މި ޖަމާޢަތުން ޓިކްޓޮކް، އިންސްޓަގްރާމް އަދި ފޭސްބުކް މެދުވެރިކޮށް އެތައް ހާސް ޒުވާނުން އެއްކޮށް، ސުލްހަވެރި މުޒާހަރާތަކެއް ކުރިއަށް ގެންދަން ގޮވާލާފައި ވެއެވެ. އެއާއެކު މި މުޒާހަރާތައް ވަނީ ކަސަބްލަންކާ، މަރާކަޝް، އަގާދީރު އަދި ވެރިރަށް ރަބާތު ފަދަ މައި ސިޓީތަކުގައި ހިންގާފައެވެ.
މި މުޒާހަރާތަކާ ގުޅިގެން ފުލުހުން ވަނީ 200 އާ ގާތްކުރާ އަދަދަކަށް މީހުން ހައްޔަރުކޮށް ފައެވެ. އޮންލައިންކޮށް ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުން ވަނީ މުޒާހަރާކުރާ ފަރާތްތަކާމެދު އަނިޔާވެރި ގޮތްތައް ބޭނުންކޮށްފައެވެ. މޮރޮކޯ އެސޯސިއޭޝަން ފޯ ހިއުމަން ރައިޓްސްގެ ހަކީމް ސިކޯކް ވިދާޅުވި ގޮތުގައި ސުލްހަވެރިކޮށް މުޒާހަރާކުރަމުންދިޔަ ޒުވާނުންނާ ދެކޮޅަށް ނިޒާމީ ސިފައެއްގައި ފުލުހުން ވަނީ އަނިޔާވެރިކަން ބޭނުންކޮށްފައެވެ.
މި މުޒާހަރާތައް ފެށިފައިވަނީ އާންމު ޚިދުމަތްތަކުގެ ފެންވަރު ދަށްވަމުން ދިއުމާ ގުޅިގެންނެވެ. މި މަހުގެ ކުރީކޮޅު ސަރުކާރު ހޮސްޕިޓަލެއްގައި މާބަނޑު އަންހެނުންގެ 8 މީހަކު މަރުވުމުގެ ހާދިސާތަކުގެ ސަބަބުން ޤައުމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކުރަން ފަށާފައި ވެއެވެ. އަދި 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް އާއި 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ވަސީލަތްތައް ތަރައްޤީކުރުމަށް މޮރޮކޯއިން އެތައް ބިލިއަން ޑޮލަރު ޚަރަދުކުރަމުންދާއިރު، ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެގައުމުގައި ކޮންމެ 10،000 މީހަކަށް 8 ޑޮކްޓަރުން ވެސް ނެތްކަން ފާހަގަކޮށް މުޒާހަރާކުރާ ފަރާތްތަކުން ސަރުކާރަށް ފާޑު ކިޔާފައި ވެއެވެ.
މޮރޮކަން އިންސްޓިޓިއުޓް ފޯ ޕޮލިސީ އެނަލިސިސްގެ ޑިރެކްޓަރ މުހައްމަދު މިސްބާހް ވިދާޅުވި ގޮތުގައި މިއީ ވަކި ލީޑަރެއް ނެތް، އަދި ވަކި ސިޔާސީ ޕާޓީއަކާ ނުވަތަ ޔޫނިއަނަކާ ގުޅިފައިނުވާ ޖަމާޢަތަކުން ކުރިއަށް ގެންދާ މުޒާހަރާތަކެކެވެ. އެހެންކަމުން ސަރުކާރަށް މި ޖަމާޢަތާ މަޝްވަރާކުރުމަށް ނުވަތަ ކޮންޓްރޯލްކުރުމަށް ދަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.






