މަޤާމާ ޙަވާލުވިތާ ދެ ދުވަސްފަހުން މޮރޮކޯގެ އަންހެން ވަޒީރު މަޤާމުން ވަކިކޮށްފި

މޮރޮކޯގެ ތަޢުލީމީ ވުޒާރާގެ ސްޓޭޓު މިނިސްޓަރުގެ މަޤާމަށް އިސްކުރިތާ އެންމެ ދެ ދުވަސް ފަހުން, މާދިޙާ ޚައްޔިރު މަޤާމުން ވަކިކުރައްވައިފިއެވެ. ރަސްގެފާނު އަމީރުލްމުއުމިނީން މުހައްމަދު 6 ވަނަ މި ފިޔަވަޅު އަޅުއްވާފައިވަނީ މީގެ އަހަރުތަކެއް ކުރީގެ ޖިނާޢީ މައްސަލައަކާއި ވަޒީރާއާ ގުޅޭ ސިއްޙީ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

މޮރޮކޯގެ ޝާހީ ގަނޑުވަރުން ހާމަކޮށްފައިވާ ގޮތުގައި, އަމީރުލްމުއުމިނީން ލްރަސްގެފާނު މުޙައްމަދު 6 ވަނަ ވަނީ ބޮޑުވަޒީރު ފާޠިމަތުއް ޒަހުރާ އަލްމަންޞޫރީ ހުށަހެޅުއްވި ހުށަހެޅުއްވުމަކަށް ރިޢާޔަތްކުރައްވައި, ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ ދަށުން މާދިޙާ އެ މަޤާމުން ވަކިކުރައްވާފައެވެ. ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި, މި ނިންމުމަކީ ސަރުކާރުގެ ސިޔާސީ އަދި މުއައްސަސާތަކުގެ ޒިންމާތަކުގެ ދަށުން, ޤައުމީ މަޞްލަޙަތަށްޓަކައި އެޅި ފިޔަވަޅެކެވެ.

މާދިޙާ ޚައްޔިރަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން މަޝްހޫރުވެފައިވާ އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އިސްތިޤްލާލު ޕާޓީއަށް ނިޞްބަތްވާ ބޭފުޅެކެވެ. ނަމަވެސް, ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދަނިކޮށް 2004 ވަނަ އަހަރު ހިންގާފައިވާ ކަމަށް ބުނާ މަކަރާއި ޙީލަތުގެ މައްސަލައަކާ ގުޅުންހުރި ޝަރުޢީ ލިޔެކިޔުންތަކެއް ވަނީ ޢާންމުވެފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި, އާންމުވި ލިޔެކިޔުންތަކުގެ ތެރޭގައި މާދިހާގެ ނަފްސާނީ ޙާލަތާ ގުޅޭ ޑޮކްޓަރުގެ ލިޔުމެއްވެސް ހިމެނެއެވެ. މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވުމާ އެކު, ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ސިޔާސީ އެކުވެރިން ވަނީ މި ނިންމުމަށް ތާޢީދުކޮށް, ޤައުމީ ކަންކަމަށް ސަމާލުކަން ދިނުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!