މޮރޮކޯގެ ޖެން ޒީ މުޒާހަރާއާ މުހިންމު ބަޔަކު ގުޅިއްޖެ

މޮރޮކޯގެ ބޮޑު ވަޒީރު އަޚުނޫޝްގެ ސަރުކާރު ބަދަލު ކުރުމަށް އެދި މުޒާހަރާ ކުރާ ފަރާތްތަކުން މުޙައްމަދު 6ވަނަ ރަސްގެފާނަށް ދަންނަވައިފިއެވެ. އަދި މޮރޮކޯގެ ފާހަގަކޮށްލެވޭ 60 ޝަޚްޞިއްޔަތެއް ވެސް ވަނީ މުޒާހަރާއަށް އެމީހުންގެ ސަޕޯޓު ދޭ ކަމަށް އިއުލާން ކޮށްފައެވެ. އޭގެ ތެރޭގައި އިންސާނީ ޙައްޤުތަކުގެ ފަރާތްތަކާއި، އެކެޑެމިކުންނާއި މީޑިއާގެ ބޭފުޅުން ހިމެނެއެވެ. އަދި ޖެނެރޭޝަން ޒީގެ ޒުވާނުންގެ މުޒާހަރާތަކަށް ތާއީދުކުރަމުން އެފަރާތްތަކުން ވަނީ ބޮޑު ވަޒީރު އަޒީޒް އަޚްނޫޝްގެ ސަރުކާރު ވައްޓާލުމަށް ގޮވާލައި، އަދި ފަހުގެ މުޒާހަރާތަކުގައި ހިނގި އަނިޔާވެރި ޢަމަލުތަކާ ގުޅޭގޮތުން އަލުން ތަޙްޤީޤެއް ހިންގައި ދިނުމަށް އެދި ބަޔާނެއް ނެރެފައިވެއެވެ.

މި ބަޔާން ވަނީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު 6 ވަނައަށް އަމާޒުކޮށްފައެވެ. މި ބަޔާނުގައި ސަރުކާރު ވައްޓާލުމަށް ގޮވާލާފައިވަނީ ޤާނޫނީ އޮނިގަނޑުގެ ތެރެއިންނެވެ. އަދި މި ބަޔާނުގައި މައިގަނޑު 3 ކަމެއްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އެއީ ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އިސްކަންދިނުމަށެވެ.

މީގެ އިތުރުން، މުޒާހަރާތަކުގައި ހައްޔަރު ކޮށްފައިވާ "ޖެނެރޭޝަން ޒީ 212″ ގެ މެންބަރުންނާއި ސިޔާސީ ގޮތުން ބަންދުކޮށްފައިޥާ އެހެނިހެން މީހުން ދޫކޮށްލުމަށާއި، ސިޔާސީ ބޭނުމަށް ކުރެވޭ ޝަރުޢީ ދަޢުވާތައް ހުއްޓާލުމަށް ގޮވާލާފައިވެއެވެ. މި ބަޔާނުގައި ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ޤާނޫނީ ވަކީލުންނައި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި، ނޫސްވެރިންނާއި އަދި ކުރީގެ ޕާލިމެންޓް މެންބަރުން ހިމެނެއެވެ. އަދި މި ބަޔާނަށް އިންޓަރނެޓް މެދުވެރިކޮށް 2,598 މީހުން ސޮއިކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!