ވައިބާއާއި ވަޓްސްއެޕް އާ ވަދަ ކުރާނެ ކަމަށް ބެލެވޭ ޗެޓް އެޕެއް ޒޯހޯއިން ތައާރަފް ކޮށްފިއެވެ. މި އެޕަކީ، "އަރައްޓައި" ނަމުގައި ތައާރަފް ކޮށްފައިވާ އެޕެކެވެ. ތަމަޅަ ބަހުން "އަރައްޓައި" ގެ މާނައަކީ ޗެޓް ކުރުމެވެ.
އިންޑިއާގެ ޒޯހޯއިން އެޕް ތައާރަފް ކުރިތާ އެންމެ ތިން ދުވަސް ތެރޭގައި 4 ލައްކަ އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މި އެޕް ޑައުންލޯޑް ކޮށްފައެވެ.
ރީނދޫ އަދި ނޫކުލައިގެ ބްރޭންޑިންގއާއެކު ނެރެފައިވާ މި އެޕަކީ ޕްރައިވަސީއަށް އިސްކަންދޭ މުވާސަލާތީ އެޕެއް ކަމަށް ޒޮހޯ އިން ބުނެއެވެ. މި އެޕަކީ އިންޑިއާގެ އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ބްރޭޑް ކޮށްފައިވާ އެޕެކެވެ.
އަރައްޓައި އެޕްގައި ހިމެނޭ މުހިންމު ސިފަ ތަކުގެ ތެރޭގައި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީފައި ވެއެވެ. އެގޮތުްނ އެންޑް-ޓު-އެންޑް އެންކްރިޕްޝަނާއި، ގްރޫޕް ޗެޓް އަދި މީޑިއާ ޙިއްސާކުރުމުގެ ފީޗަރތައް ހިމެނެއެވެ. މީގެ އިތުރުން ޒޯހޯގެ އެހެނިހެން ޕްރޮޑަކްޓިވިޓީ ޓޫލްތަކާވެސް ފަސޭހައިން ގުޅުވާލެވޭނެއެވެ. ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ސޮފްޓްވެއަރ އުފެއްދުމުގައި ނަން މަޝްހޫރު ޒޯހޯއިން މި އެޕް މެދުވެރިކޮށް ކަސްޓަމަރުންގެ އިތުބާރު ހޯދުމަށް މަސައްކަތްކުރަމުންދެއެވެ.
އެނަލިސްޓުން ފާހަގަކުރާ ގޮތުގައި އަރައްޓައި އެޕް ބައިނަލްއަޤްވާމީ މާކެޓަށް ކާމިޔާބުކަމާއެކު ނުކުތުމަށްޓަކައި ތަފާތު ޕްލެޓްފޯމްތަކުގައި ފަސޭހައިން ބޭނުން ކުރެވޭ ގޮތް ހަދަން ޖެހޭނެއެވެ. އަދި ވަރުގަދަ އިންފްރާސްޓްރަކްޗަރއެއް ޤާއިމުކޮށް، އަދި ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރަން ޖެހޭނެއެވެ. ނަމަވެސް މި އެޕްގެ ކުރިއެރުން ދައްކުވައިދެނީ އިންޑިއާގެ ޓެކްނޮލޮޖީ ޤާބިލުކަމަށް ކަސްޓަމަރުން ކުރާ އިތުބާރު އިތުރުވަމުންދާކަމެވެ.




