އިންޑިއާއާ ބޫޓާން ރެއިލްގެ މަގުން ގުޅާލުމަށް 484 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ފަށައިފި

އިންޑިއާއާ ބޫޓާން ފުރަތަމަ ފަހަރަށް ރެއިލްވޭ މަގުން ގުޅާލުމަށް މަޝްރޫޢެއް ފަށައިފިއެވެ. މިއީ ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި ސްޓްރެޓެޖިކް ވަސީލަތްތައް ތަރައްޤީކުރުމުގައި މުހިންމު މޭލުގަލެއް ކަމަށް އިންޑިއާއިން ބުނެއެވެ. މި ރޭލްވޭ އަކީ އިންޑިއާގެ އާސާމް އަދި ވެސްޓް ބެންގާލް ސްޓޭޓްތަކާއި ބޫޓާން ގުޅުވާލާ ދެ ގައުމގެ ބޯޑަރު ހުރަސްކުރާނެ ރޭލެކެވެ.

69 ކިލޯމީޓަރުގެ ދިގުމިނުގައި ދަމާލުމަށް ހަމަޖެހިފައިވާ ކޮކްރަޖާރު-ގެލެފު ރެއިލްވޭ އެޅޭނެ ކަމަށް އަންދާޒާކުރެވެނީ 415 މިލިއަން އެމެރިކާ ޑޮލަރުންނެވެ. މި މަޝްރޫޢު ނިންމުމަށް ހަތަރު އަހަރު ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ. އަދި 20 ކިލޯމީޓަރުގެ ދިގުމިނުގައި އެޅުމަށް ހަމަޖެހިފައިވާ ބަނާރުހަޓް-ސަމްޓްސޭ ރެއިލްވޭ އެޅުމަށް 69 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށް ވެސް ލަފާކުރެވެއެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައި ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ.

އިންޑިއާގެ މައި ފަސްގަނޑާއި އިރުމަތީ ސްޓޭޓްތަކާ ގުޅުވައިދޭ ހަނި ބިން ކޮޅު ކަމަށްވާ ސިލިގޫރީ ކޮރިޑޯ މެދުވެރިކޮށް މި ރެއިލްވޭ އެޅުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި އަދި ސަލާމަތީ ކަންކަން ހަރުދަނާކުރުމެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވި ގޮތުގައި މި މަޝްރޫޢަކީ ބޫޓާންގެ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ މަޝްރޫޢެކެވެ. މީގެ ތެރޭގައި ގެލެފު "މައިންޑްފުލްނެސް ސިޓީ" އަކަށް ބަދަލުކުރުމާއި ސަމްޓްސޭ ސިނާޢީ މަރުކަޒަކަށް ހެދުން ހިމެނޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ބޫޓާންގެ އެކްސްޕޯޓްތަކަށް ހޭދަވާ ވަގުތު ކުރުވެ، އިކޯ ޓޫރިޒަމް ތަރައްގީވެ، އަދި އިންޑިއާގެ އިރުމަތީ ސަރަޙައްދުގެ ލޮޖިސްޓިކަލް ޤާބިލުކަން އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!