އެމެރިކާގެ ތާރީޚުގައި އެންމެ ނަން ހުތުރު އަންހެން ޤާތިލުންގެ ތެރެއިން އެކަކުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމައިފިއެވެ. ކްރިސްޓާ ޕައިކް އަށް މަރުގެ އަދަބު ދިނުމަށް ނިންމާފައި ވަނީ އޭނާގެ އުމުރުން 18 އަހަރުގައި ހިންގާފައިވާ ޖަރީމާއަކަށެވެ. ގާޒީގެ ޙުކުމުގައި ބުނެފައި ވަނީ އޭނާ ހިންގާފައި ވަނީ ޝައިތާނީ ޖަރީމާއެެއް ކަމަށެވެ.
މިހާރު އުމުރުން 49 އަހަރުގެ ކްރިސްޓާ ޕައިކް އަށް މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޝްވިލްގެ ރިވަރ ބެންޑް ސްޓޭޓް ޖަލުގެ ތެރޭގައެވެ. އޭނާގެ ފަރާތުން ވަކީލުން ވަނީ ދިގު މުއްދަތަކަށް އޭނާ ދަންޖެއްސުމުން ސަލާމަތް ކުރުމަށް ގިނަ އިސްތިއުނާފުތަކެއް ހިންގާފައެވެ. އެހުރިހައި ކަމެއްވެސް ވަނީ ނާކމިިޔާބު ވެފައެވެ.
ތާވަލާ އެއް ގޮތަށް މަރުގެ އަދަބު ތަންފީޒު ކުރާނަމަ، މިއީ 200 އަހަރަށް ވުރެ ގިނަ އަހަރު ފަހުން ޓެނެސީގައި މަރުގެ އަދަބު ދެވޭ ފުރަތަމަ އަންހެން މީހާ ކަމަށް ވެގެން ދާނެއެވެ.
ކޯޓުގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި މައްސަލަ ފެށުނީ 1995 ވަނަ އަހަރުގެ ޖެނުއަރީ މަހު، އޭރު އުމުރުން 18 އަހަރުގެ ޕައިކް އޭނާގެ އެކުވެރިޔާ ޓަޑަރެލް ޝިޕް އާއި އޭނާގެ އަނެއް އެކުވެރިޔާ ޝަޑޯލާ ޕީޓާސަންއާ އެކު ޔުނިވާސިޓީ އޮފް ޓެނެސީ ކެމްޕަހުގެ ހޭޅިފަށަށް ގެންގޮސްގެން މީހަކު މަރާލި ހިސާބުންނެވެ. އޭނާ މަރާލާފައި ވަނީ އުމުރުން 19 އަހަރުގެ އެކުވެރިޔާ ކޮލީން ސްލެމަރ އެވެ. ޕައިކް އެކުވެރިޔާ ދެކެ ރުޅިއައީ، އޭނާގެ ލޯބިވެރިޔާ ވަގަށް ނަގަން ކޮލީން ސްލެމަރ މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށެވެ.
ޕައިކް ވަނީ ބައިގަޑި އިރަށް ވުރެ ގިނައިރު ވަންދެން އޭނާގެ އެކުވެރިޔާއަށް އަނިޔާކޮށް ގައިގެ އެކި ތަންތާނގައި ކަޓަރު އަޅައި މޭމަތީގައި ކަޓަރުން ސުލައިމާނުން މުދިވެސް ކަނޑައި ނަގާފައެވެ. އެއަށްފަހު އޭނާ މަރާލީ ހިލަ ގަނޑަކުން ބޮލުގައި ތަޅަމުން ޗިސްޗިސް ކޮށްގެންނެވެ.
އެ ޖަރީމާއަށް ފަހު ޕައިކް ވަނީ އެމީހާގެ ބޮލުގެ ނާށިގަނޑުގެ ބައެއް ހަނދާނީ ސުވެނިއަރ އެއްގެ ގޮތުގައި ގެންގުޅެފައެވެ. އެ ހަށިގަނޑު ފެނުނީ އެ ހާދިސާގެ ދެ ދުވަސް ފަހުން އެހިސާބުގައި އުޅުނު ބަޔަކަށެވެ.
އެ ޖަރީމާގައި ބައިވެރިވި އެހެން މީހަކަށް ޕެރޯލްގެ ފުރުސަތާއެކު އުމުރަށް ޖަލަށް ލުމަށްވެސް ޙުކުމް ކޮށްފައި ވެއެވެ.
ޕައިކްއަށް ޙުކުމް ކުރިއިރު އޭނާ ވެގެން ދިޔައީ އޭރު އެމެރިކާގައި މަރުގެ ހުކުމް އިއްވި އެންމެ ޒުވާން ގައިދީއަށެވެ. ފަހުން އޭނާގެ ޙުކުމަށް 25 އަހަރު އިތުރު ކޮށްފައި ވެއެވެ. އެއީ 2004 ވަނަ އަހަރު ޖަލުގައި ހިނގި މާރާމާރީއެއްގައި ގައިދީއެއްގެ ނޭވާ ހާސްކޮށްލައި އޭނާ މަރާލަން އުޅުނު ކަމުގެ ކުށް ސާބިތުވުމުންނެވެ.
ޕައިކްގެ ވަކީލުން ވަނީ އޭނާއަކީ ކުޑައިރު ޖިންސީ ގޯނާއަށް ހުށަހެޅިފައިވާ ޅަފަތުގައި އާއިލާ ރޫޅި އިހުމާލާއި ޖިސްމާނީ އަދި ޖިންސީ އަނިޔާގެ ޝިކާރަކަށް ވެފައިވާ މީހެއްގެ އިތުރުން ބައިޕޯލާ ޑިސްއޯޑާ އާއި ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ފަދަ ނަން ހުސްކޮށް ނަފްސާނީ ބަލިތައް ޖެހިފައިވާ މީހެއް ކަމަށް ބުނެފައެވެ. ނަމަވެސް އިސްތިއުނާފުން މިއިން އެއްވސް ކަމެއް ބަލައިގެންފައެއް ނުވެއެވެ.





