އިންޑިއާގައި އުފައްދާ ކުޑަކުދިންގެ ކެއްސުމަށް ދޭ ބޭހެއްގައި ވިހަ މާއްދާތައް ހިމެނޭތީ މަދިޔާ ޕްރަދޭޝް، ތަމިލް ނާޑޫ އަދި ކޭރަލާ ސްޓޭޓްތަކުން ވަނީ އެބޭސް ބޭނުން ކުރުން މަނމާ ކޮށްފައެވެ. ކޯލްޑްރިފް ކޮފް ސިރަޕް ވިއްކުމާއި ބޭނުންކުރުން ވަގުތުން މަނާކޮށްފައި ވަނީ އެބޭސް ދިނުމުގެ ސަބަބުން 12 ކުޑަކުދިން މަރުވުމާ ގުޅިގެންނެވެ.
ލެބޯޓްރީ ޓެސްޓްތަކުން ދައްކާގޮތުން މި ކޮފް ސިރަޕްގައި 48.6 އިންސައްތައަށް ޑައިއެތިލީން ގްލައިކޯލް (ޑީއީޖީ) އެކުލެވިގެން ވެއެވެ. ދަވާދާއި ޕްލާސްޓިކްގައި ހިމެނޭ މި މާއްދާއަކީ ކިޑްނީ އާއި ފުރަ މޭ ފެއިލްވުމަށް މަގުފަހިކުރާ ނުރައްކާތެރި މާއްދާއެކެވެ. ތަމިލް ނާޑޫގެ ކަންޗިޕުރަމް ޑިސްޓްރިކްޓްގައި ހުންނަ ސްރޭސަން ފާމަސޫޓިކަލްސްއިން އުފައްދާ މި ސިރަޕް ވަނީ ތަމިލް ނާޑޫ ޑްރަގް ކޮންޓްރޯލް ޑައިރެކްޓަރޭޓްއިން ނުރައްކާ ބޭހެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
މި ބޭސް 1 އޮކްޓޫބަރުގައި މަނާ ބޭހެއްކަމަށް ކަނޑައެޅީ މަދިޔާ ޕްރަދޭޝް، މަހާރާޝްޓްރާ އަދި ރާޖަސްތާން ސްޓޭޓްތަކުގައި 12 ކުޑަކުދިން މަރުވުމާ ގުޅިގެން ނެވެ. އަދި ކޭރަލާއިން ވެސް ވަނީ މި ބޭސް ވިއްކުން މަނާކޮށްފައެވެ.
ބައެއް ސްޓޭޓްތަކުން ވަނީ މި ބޭސް އުފެއްދި ފަރާތާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދީފައެވެ. މީގެއިތުރުން، ޤައުމީ ފެންވަރުގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، 2 އަހަރުން ދަށުގެ ކުދިންނަށް ކޮފް ސިރަޕް ދިނުމާމެދު އަލުން ވިސްނުމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ ލަފާދީފައެވެ. މީގެ ކުރިންވެސް ކެއްސުމަށް ދޭ ބޭހަކުން ކުޑަކުދިން މަރުވާން މެދުވެރިވެފައި ވެއެވެ.





