އިންޑިއާގައި އަމިއްލަ ކުންފުނިތަކުން ކުރާ އިންވެސްޓްމެންޓްތައް އިތުރު ވެއްޖެ

އިންޑިއާގެ އަމިއްލަ ކުންފުނިތަކުން މިއަހަރަށް ހުށަހަޅާފައިވާ އައު އިންވެސްޓްމަންޓް ޕްރޮޕޯސަލްތަކަކީ ވޭތުވެދިޔަ 15 އަހަރުގެ ރެކޯޑަށް ބަލާއިރު އިތުރު މިންވަރެކެވެ. އިންޑިއާގެ އިންވެސްޓްމެންޓަށް ހުށަހަޅާފައިވާ މުޅި ޖުމްލަ 9.95 ލައްކަ ކްރޯރް ރުޕީސްގެ އިންވެސްޓްމެންޓްގެ ތެރެއިން 9.35 ލައްކަ ކްރޯރް ރުޕީސް (94%) އަކީ އަމިއްލަ ކުންފުނިތަކުން ހުށަހަޅާފައިވާ ޕްރޮޖެކްޓްތަކެވެ. އިންޑިއާއަށް ބޭރުގެ އިންވެސްޓްމެންޓްތައް ލިބެނީ ސަރުކާރުން ހުށަހަޅާފައިވާ އިންވެސްޓްމެންޓަށް ހިތްވަރު ދިނުމުގެ ސްކީމްގެ ދަށުންނެވެ

އަމިއްލަ ކުންފުނިތަކުން ހުށަހަޅާފައިވާ އިންވެސްޓްމެންޓް ހުށަހެޅުންތައް އިތުރުވި ނަމަވެސް މަރުކަޒީ ސަރުކާރާއި އަދި ސްޓޭޓް ސަރުކާރުތަކުގެ ކުންފުނިތަކުން ހުށަހަޅާފައިވާ އައު ޕްރޮޖެކްޓްތައް ވަނީ ވޭތުވެދިޔަ 15 އަހަރާއި އަޅާ ބަލާއިރު އެންމެ ދަށް މިންވަރަށް ވެއްޓިފައެވެ. އަދި އޭގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓް ޕްރޮޕޯސަލްތައްވެސް ވަނީ މި ދިޔަ 5 އަހަރުގެ ތެރޭގައި ރެކޯޑް ކުރެވުނު އެންމެ ދަށް މިންވަރަށް ގޮސްފައެވެ.

އިގްތިސާދީ ދާއިރާގެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އަމިއްލަ އިންވެސްޓްމަންޓްތައް އާދަޔާ ޚިލާފަށް އިތުރުވެފައިވަނީ އިންޑިއާގެ ބާޒާރުގެ ޑިމާންޑު އިތުރުވުމާއި، އިންފްރާސްޓްރަކްޗަރއަށް އަންނަ ތަރައްޤީއާއި، އެކި ދާއިރާތަކަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް، ސަރުކާރާއި ބޭރުގެ އިންވެސްޓްމަންޓްތައް ދަށްވެފައިވުމަކީ އިޤްތިޞާދީ ކުރިއެރުމާއި ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރާމެދު ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައިވެސް ފާހަގަ ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!