ވޯލްޑް ބޭންކް: އިންޑިއާގެ އެކްސްޕޯޓު ދާއިރާގައި ބޭރުގެ އިންވެސްޓަރުންނަށް ބޮޑު ފުރުސަތެއް

އިންޑިއާގެ ޚިދުމަތާއި އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓު ކުރުމުގެ ދާއިރާގައި ބޭރުގެ އިންވެސްޓަރުންނަށް މިހާރުގެ އޮނިގަނޑުގައި ބޮޑެތި ފައިދާތަކެއް ހުރި ކަމަށް ވޯލްޑް ބޭންކްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޗީފް އިކޮނޮމިސްޓް ފްރެންޒިސްކާ އޯންސޯޖް ވިދާޅުވެއްޖެއެވެ.

ކައުޓިލްޔާ އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އޯންސޯޖް ވަނީ އިންޑިއާގެ ސޮފްޓްވެއަރ ލިޔުމާއި ކޮމްޕިއުޓަރ ޚިދުމަތްތައް އެކްސްޕޯޓު ކުރުމުގެ ދާއިރާ ހަލުވިކަމާއެކު ކުރިއަރަމުންދާ ކަން ފާހަގަކުރައްވާ ފައެވެ. އަދި މި ދާއިރާ އިތުރަށް ކުރިއެރުވުމަށް ވިޔަފާރީގެ އެއްބަސްވުންތައް ފުޅާކުރުމުގެ މުހިންމުކަމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

"2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮމްޕިއުޓަރ ޚިދުމަތްތައް އެކްސްޕޯޓު ކުރުން 30 އިންސައްތަ އިތުރުވެފައިވޭ. މީގެ އެއް ސަބަބަކީ ޗެޓްޖީޕީޓީ ފަދަ ޖެނެރޭޓިވް އޭއައިގެ ވަސީލަތްތައް އާންމުވުން،" އޯންސޯޖް ވިދާޅުވިއެވެ. މި މުއްދަތުގައި އިންޑިއާގެ ޖުމްލަ ޚިދުމަތްތައް އެކްސްޕޯޓު ކުރުން އިތުރުވެފައިވަނީ 10 އިންސައްތައަށް ކަމަށްވާއިރު، ކޮމްޕިއުޓަރ ޚިދުމަތްތަކުގެ ދާއިރާގެ ހަރަކާތްތެރިކަން ވަނީ ފާހަގަ ކުރެވޭ ވަރަށް އިތުރު ވެފައެވެ.

އިންޑިއާގެ ޑިޖިޓަލް ޚިދުމަތްތަކުގެ ދާއިރާ ކުރިއަރަމުން ދިޔަ ނަމަވެސް، އުފެއްދުންތައް ބޭރު ގައުމުތަކަށް އެކްސްޕޯޓު ކުރުމުގެ ދާއިރާގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ އެކަން އޯންސޯޖް ވަނީ ބައިވެރިންގެ ސަމާލުކަމަށް ގެންނަވާފައެވެ.

"އެހެން ކުރިއަރަމުން އަންނަ ގައުމުތަކާ އިންޑިއާއާ އަޅާ ބަލާއިރު ވިޔަފާރީގެ އެއްބަސްވުންތައް މަދު. އަދި ބައެއް މުދަލަށް މަތީ ދަރަޖައިގެ ޓެރިފް ދަނީ ނަގަމުން،" އޭނާ ވިދާޅުވިއެވެ. "މިހާރު ކުރިއަށްދާ މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ، އިންޑިއާގެ އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ވަނުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުވެގެންދާނެ." އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން މިހާރު ވަނީ ޔޫކޭ، ޔޫރަޕިއަން ޔޫނިއަން (އީޔޫ)، ކެނެޑާ، އޮމާން، އަދި އިންޑޯ-ޕެސިފިކް އިކޮނޮމިކް ފްރޭމްވޯކްގެ މެންބަރު ގައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަކާ ބެހޭ މަޝްވަރާތައް ކުރަމުންނެވެ. ނުވަތަ ބައެއް ގައުމުތަކާއެކު މަޝްވަރާތައް ނިންމާފައެވެ.

މީގެ އިތުރުން އެމެރިކާއާ އެކުވެސް ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިއަށެވެ. މި އެއްބަސްވުންތައް ފުޅާކުރުމަކީ އިންޑިއާގެ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދޮރުތަކެއް ހުޅުވައިދޭނެ ކަމެއް ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ދެކެއެވެ.

ހިއްސާ ކުރައްވާ!