އީރާނުގެ ޕާލިމެންޓުން ވަނީ އެ ގައުމުގެ ފައިސާ ކަމުގައިވާ ރިޔާލުން 4 ސުން އުނިކުރުމަށް ފާސްކޮށްފައެވެ. މިހާރު 1 އެމެރިކާ ޑޮލަރަކީ 1،150،000 އީރާނު ރިޔާލް ކަމުގައިވާއިރު، މި ބަދަލާ އެކު 1 ޑޮލަރަކީ 115 ރިޔާލް އަށް ވެއްޖެއެވެ. މި ބިލު ފާސްކުރެވުނީ 262 މެންބަރުންގެ ތެރެއިން 144 މެންބަރުންގެ ތާއީދާ އެކުގައެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ މާލީ މުޢާމަލާތްތައް ފަސޭހަކުރުމާއި ނޫޓުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. އާ ގާނޫނުގެ ދަށުން 1 ރިޔާލަކީ މިހާރުގެ 10،000 ރިޔާލް ކަމުގައި ކަނޑައަޅައި، "ޤިރާން" ގެ ނަމުގައި އައު ފައިސާ ފޮއްޗެއް ތަޢާރަފުކުރުމަށްވެސް ނިންމާފައި ވެއެވެ. މި ބަދަލު ތަންފީޒުކުރުމަށް 3 އަހަރުގެ މުއްދަތެއް ދީފައި ވެއެވެ، އެ މުއްދަތުގައި ކުރީގެ ފައިސާ ދައުރުވާނެއެވެ.
މި ބަދަލަކީ 2020 ވަނަ އަހަރު ރިޔާލް "ތޫމާން" އަށް ބަދަލުކުރުމަށް ނިންމި ނިންމުމަށް ފަހު އައިސްފައިވާ ބަދަލެކެވެ. އީރާނުގެ ޕާލިމެންޓުގެ އިޤްތިޞާދީ ކޮމިޓީގެ ވެރިޔާ ޝަމްސުއްދީން ހުސެއިން ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަން ޖެހުނީ އިންފްލޭޝަން މަތިވުމުގެ ސަބަބުން ފައިސާގެ ނޫޓުތަކުގެ ބޭނުން ކުޑަވެފައިވާތީއެވެ. ނަމަވެސް މި ބަދަލުން އިންފްލޭޝަން ސީދާ ކުޑައެއް ނުވާނެއެވެ.
މި ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ގާޑިއަން ކައުންސިލްގެ ހުއްދައާއި ރައީސް މަސްޢޫދު ޕެޒެޝްކިއަންގެ ސޮއި ބޭނުންވާނެއެވެ. އަދި ސެންޓްރަލް ބޭންކް އޮފް އީރާންއަށް މި ބަދަލު ތަންފީޒުކުރުމަށް 2 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
އީރާނަކީ އެމެރިކާގެ ޒަޔަނިސްޓް ދަތިކުރުމުގެ ފިޔަވަޅުތަކުގައި 50 އަހަރު ވާން ކައިރިވެފައިވާ ގައުމެކެވެ.





