ޓްރަމްޕަށް ނޯބެލްގެ ސުލްހައިގެ އިނާމަކީ އަވާ މެންދުރެއް

ނޯވޭގެ ނޮބެލް ކޮމިޓީގެ ތަޖުރިބާކާރުންގެ ނަޒަރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޮބެލް ސުލްހައިގެ އިނާމު ލިބުމުގެ އްެއްވެސް ފުރުސަތެއް ނެތެވެ. ނޯވޭގެ ޕާލަމެންޓުން އައްޔަންކުރާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޮބެލް ކޮމިޓީން މި އިނާމު ދިނުމުގައި ބަލަނީ އަލްފްރެޑް ނޮބެލްގެ ވަޞިއްޔަތަށެވެ.

ޓްރަމްޕް ވަނީ އޭނާގެ ސުލްހައިގެ މަސައްކަތްތަކަށް ނޮބެލް އިނާމު ހައްގުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ޕާކިސްތާނު ސަރުކާރުން ވަނީ އޭނާގެ ބޮލަށް އެ ޚިޔާލު ވައްދައި ދީފައެވެ. ނަމަވެސް ތާރީޚް ޢިލްމުވެރިޔާ އޮއިވިންޑް ސްޓެނަރސަންގެ ނަޒަރުގައި، "އެމެރިކާ ފަސްޓް" ސިޔާސަތުތަކާއި ބައިބައިވުމުގެ ވައްޓަފާޅީގެ ސަބަބުން ޓްރަމްޕަކީ ނޮބެލް އިނާމު ތަމްސީލުކުރާ އުސޫލުތަކާ ފުރުއަރާ ފަދަ އަމަލުތައް ގެންގުޅޭ މީހެކެވެ.

ސުލްހައިގެ އިނާމު ހޯދުމަށް ކުރާ ދައުވާ ދިފާއު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެހާ ގިނަ މަސް ދުވަހުގެ ތެރޭގައި ހަ ހަތް ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އޭނާގެ ދައުރު ބޮޑު ކަމަށެވެ. "މިހެން ކަންތައް ކުރި ނަމަވެސް ނޮބެލް ސުލްހައިގެ އިނާމު ނުލިބިއްޖެ ނަމަ އެއީ އެމެރިކާއަށް ކުރެވޭ ފުރައްސާރައެއް" ކަމަށް މިދިޔަ ހަފްތާގައި ވިދާޅުވި އެވެ. ދުނިޔޭގެ ސުލްހައަށް ބޮޑު ޙިއްޞާއެއް ވެދެއްވި ކަމަށް އޭނާގެ ބޮލަށް ސަވާރުވެފައިވާ ޚިޔާލަށް ފަހުވެސް އެ އިނާމު އޭނާއަށް ނުލިބޭ ކަމަށް ޓްރަމްޕް ވިދާޅުވެއެވެ. އަދި، "އަޅުގަނޑު ކޮންމެ ކަމެއް ކުރިޔަސް ނޮބެލް ސުލްހައިގެ އިނާމެއް ނުލިބޭ" ކަމަށް ވިދާޅުވިއެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓްގެ ވެރިޔާ ކަރީމް ހަގަގްގެ ވިސްނުމުގައި، މި އިނާމު ލިބެންޖެހޭނީ ފަރުދާގެ ފުރަގަހުން މަޑުމަޑުން މަސައްކަތްކުރާ، ލޯކަލް މީޑިއޭޓަރުންނާއި ސުލްޙައަށް ބާރުއަޅާ ފަރާތްތަކަށެވެ. މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށް 338 ފަރާތެއްގެ ނަން ހުށަހެޅިފައި ވެއެވެ، އެ ފަރާތްތަކުގެ ނަންތައް 50 އަހަރަށް ސިއްރުކުރެވިފައި ވާނެއެވެ.

 

ހިއްސާ ކުރައްވާ!