އިންޑިއާގެ އެންމެ ބޮޑު އަދި އިސްޓްރެޓިޖިކް ވައިގެ ބަނދަރުތަކުގެ ތެރެއިން އެއް ބަނދަރު ކަމުގައިވާ ހިންޑަން އެއަރ ބޭސްގައި އިންޑިއަން އެއަރ ފޯސް (އައިއޭއެފް) ގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ. މި ހަފްލާގައި ރަފަޔަލް، ސުކޯއި އެސްޔޫ-30އެމްކޭއައި އަދި މިގް-29 ފަދަ ކުރީ ސަފުގެ ހަނގުރާމަ ވެރި މަތިންދާބޯޓުތަކާއި، އިންޑިއާގައި އުފެއްދި ނެޓްރާ އޭއީޑަބްލިއުއެންޑްސީ ސިސްޓަމް އަދި އަކާޝް މިސައިލް ސިސްޓަމް ދައްކާލުން އޮތެވެ.
އެއަރ ޗީފް މާޝަލް އޭޕީ ސިންގް ވަނީ ޕެރޭޑް ބައްލަވާ ސެލިއުޓް ބައްލަވައިގަނެފައެވެ. އަދި މި ހަފްލާގެ ކުރިން ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް އަނިލް ޗައުހާން، އާމީ ޗީފް ޖެނެރަލް އުޕެންދްރަ ދްވިވެދީ، ނޭވީ ޗީފް އެޑްމިރަލް ދިނޭޝް ކޭ ތްރިޕާތީ އަދި އެއަރ ފޯސް ޗީފް ވަނީ ނޭޝަނަލް ވޯރ މެމޯރިއަލްގައި ޝަހީދުންނަށް އިޙުތިރާމް އަދާކުރައްވައި ހަނދާން އާކުރައްވާފައެވެ.
މި ހަފްލާގައި އޮޕަރޭޝަން ސިންދޫރުގެ ހަނދާން ވެސް އާކުރެވުނެވެ. އަދި 60 އަހަރަށްވުރެ ގިނަ ދުވަހު އިންޑިއާ ވައިގެ ސިފައިންނަސް ޚިދުމަތްކުރުމަށްފަހު ފަހަކަށްއައިސް ރިޓަޔަރކުރެވުނު މިގް-21 ބައިސަން އަށްވެސް ޝަރަފުވެރިކަން ލިބިގެންދިޔައެވެ. މީގެ އިތުރުން އިސްލާމާބާދު ފަހަތަް ޖައްސާލައި ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރުކުރުވުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތައްވެސް ސްޓެޓިކް ޑިސްޕްލޭގައި ހިމެނުނެވެ.
މިއަހަރު ހިންޑަންގައި ބޭއްވުނު މި ހަފްލާއަކީ މީގެ ކުރިން ޗެންނާއީ (2024ގައި) އަދި ޕްރަޔާގްރާޖް (2023ގައި) ގައި ބޭއްވުނު އެއަރ ފޯސް ޑޭ ޕެރޭޑްތަކަށްފަހު ބާއްވާފައިވާ ހަފްލާއެކެވެ. މިއީ ޤައުމުގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ވައިގެ ސިފައިންގެ ބާރާއި ކުޅަދާނަކަން ދެއްކުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ.





