ރިޔާޟް ކޮމެޑީ ފެސްޓިވަލްގެ އަޚުލާގީ ފެންވަރު ދަށްކަމުން ފާޑު ކިޔައިފި

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ބޭއްވި ކޮމެޑީ ފެސްޓިވަލްގައި ޖިންސީ ބަސްތައް ބޭނުން ކުރުމާއި މަޖާ ކުރުމަށް ހަޑިހުތުރު ވައްތަރުޖައްސައި ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން މީހުން ހެއްވާލުމަށް ކުރި ކަންކަމަށް ސައޫދީގައި ގިނަ ބަޔަކު ތަރުހީބު ދިންނަމަވެސް، އެމީހުންގެ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ސައޫދީން ބޭރުގައި ފާޑު ކިޔައިފިއެވެ. މި ކޮމެޑީ ޝޯތައް ބާއްވާފައި ވަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ފަންނާނުންނެވެ.

މިއީ ސައޫދީ ވައްހާބީ ބޮޑު އިމާމް މުހައްމަދު ބިން އަބްދުލްވައްހާބުގެ އާލުއްޝައިޚް އައުލާދު ގައި ހިމެނޭ މީހަކު އިސްވެ ހުންނަ އިދާރާއެކެވެ.

ޖެފް ރޮސް، ޑޭވް ޗަޕެލް، ކެވިން ހާޓް ފަދަ މަޝްހޫރު ކޮމެޑިއަނުން މި ފެސްޓިވަލްގައި ބައިވެރިވެ ހުތުރު ވައްތަރު ޖައްސާފައި ވެއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ މީހުން ކަން ހާމަކޮށްފައިވާ މީހުންނެވެ. މިފަދަ ކަންކަމަމީ ސައުދީގައި މަރުގެ އަދަބު ތަންފީޒު ކުރެވޭ ކަންކަމެކެވެ. ނަމަވެސް އެމީހުންގެ ޝޯތަކުގައި ޖިންސީ ވައްތަރު ޖެއްސުމާއި އަދި އިޖުތިމާއީ ގޮތުން މަނާ ހަރާމް ކަންކަމާ ބެހޭ ވާހަކަތައް ދައްކާފައި ވާތީ ސައުދީ އެއްބައި ރައްޔިތުން ވަނީ މަޖާ ވެފައެވެ. ނަމަވެސް އެހެން ބަޔަކު ވަނީ އެކަމަށް ނަފްރަތުކޮށް ފާޑު ކިޔާފައެވެ.

ސައުދީ އަރަބިއްޔާގެ "ވިޝަން 2030″ ގެ ދަށުން އިޖުތިމާއީ އިންގިލާބެސް ގެނެސް ހުޅަނގުގެ ސަގާފަތާ އެއްހަމަ ކުރުމަށް މަސައްކަތް ފަށާފައިވެއެވެ. އަދި އާދަޔާ ޚިލާފު ފަންނުވެރި ކަން ދެއްކުމާއި ކުޅިވަރާއި މުނިފޫހި ފިލުވުމާއި އަދި ސިނަމާ ފެސްޓިވަލްތައް ބޭއްވުން ހިމެނެއެވެ. ނަމަވެސް މިފަދަ ހަރަކާތްތަކަކީ ސައުދީގެ އިމޭޖް ރަނގަޅުކުރުމަށް ކުރާ ކަމެއް ކަމަށް ބުނެ އިންސާނީ ހައްގުތަކުގެ ޖަމާއަތްތަކުން ފާޑުކިޔައެވެ.

ބައެއް މަޝްހޫރު ކޮމެޑިއަނުން މި ފެސްޓިވަލްގައި ބައިވެރިވުމަށް އިންކާރު ކުރިއެވެ. އަދި ބައިވެރިވި މީހުންނަށް ބޭރުންނާއި އެތެރެއިންވެސް ފާޑުކިޔާފައިވެއެވެ.

ހިއްސާ ކުރައްވާ!