އިންޑިއާއިން ކާބުލްގައި އެމްބަސީ ހުޅުވަން ނިންމައިފި

އިންޑިއާއިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އަލުން އެމްބަސީ ހުޅުވަން ނިންމައިފި އެވެ. މިއީ ޠާލިބާން ސަރުކާރާއެކު ޑިޕްލޮމެޓިކް ގުޅުން ވަރުގަދަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ވަނީ ކާބޫލްގައި ހުރި އިންޑިއާގެ ޓެކްނިކަލް މިޝަން އެމްބަސީގެ ފެންވަރަށް އަޕްގްރޭޑް ކުރާނެ ކަން އިއުލާނު ކުރައްވާފައެވެ.

2021 ގައި ޠާލިބާން ވެރިކަމަށް އައުމާއެކު އިންޑިއާއިން ވަނީ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ކާބުލްގައި ހުރި އެމްބަސީ ބަންދުކޮށްފައެވެ. ނަމަވެސް މިއަހަރުގެ ކުރީކޮޅުން ފެށިގެން ދެގައުމުގެ ގުޅުން އަލުން ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ޖެނުއަރީ މަހު ދުބާއީގައި ބޭއްވި ބައްދަލުވުމެއްގައި އީރާން މެދުވެރިކޮށް ވިޔަފާރި އިތުރުކުރުމަށް ދެފަރާތުން އެއްބަސްވެފައިވެއެވެ.

މި ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކުރުމުގެ މުހިންމު ސަބަބެއްގެ ގޮތުގައި ފާހަގަވަނީ ސަރަހައްދުގައި އިތުރުވަމުންދާ ޗައިނާގެ ނުފޫޒެވެ. އަފްޣާނިސްތާނަކީ ދެކުނު އޭޝިއާ އަދި މެދު އޭޝިއާ ގުޅުވައިދޭ މުހިންމު ސަރަހައްދަކަށްވުމާއެކު، ޗައިނާއިން ވަނީ ޠާލިބާން ވެރިކަމަށް އައުމަށްފަހު އެގައުމުގައި މައުދަން ނެގުމާއި އިންފްރާސްޓްރަކްޗަރ ދާއިރާގައި އިންވެސްޓްކުރަން ފަށާފައެވެ. މިހާރު އިންޑިއާއިން މަސައްކަތް މިކުރަނީ އެގައުމުގައި އަލުން ޑިޕްލޮމެޓިކް އަދި އިގްތިސާދީ ފައިތިލަ ސާބިތު ކުރާށެވެ.

ހިއްސާ ކުރައްވާ!