އިސްރާއީލުގެ އަމިއްލަ މުހައްލިލު އަދި ކުރީގެ ޑިޕްލޮމެޓް ގާޝޮން ބަސްކިން ބުނަނީ ޔަހޫދީން އެއްބަސްވެފައިވާ ޖެނޮސައިޑް ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުމަކީ އައު އެއްޗެއް ނޫން ކަމަށެވެ. އޭނާ ބުނީ މިއީ މީގެ އެއް އަހަރު ކުރިންވެސް ހަމާސްއިން ހުށަހެޅި ހުށަހެޅުމެކެވެ.
މި އެއްބަސްވުން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ހަމާސްއިން ގަބޫލުކުރި ކަމަށާއި ނަމަވެސް، ޖެނޮސައިޑް ހިންގާ ނަތަންޔާހޫ އެކަމާ ދެކޮޅު ހެދި ކަމަށާއި ބައިޑެންއާއި އެމެރިކާގެ އިސްވެރިން އެކަމަށް އަހައްމިއްޔަތުކަމެއް ނުދިން ކަމަށް ބަސްކިން ބުނެއެވެ.
2024 ވަނަ އަހަރު ހުށަހެޅުނު އެއްބަސްވުމުގައި ހިމެނެނީ އިސްރާއީލުގެ 33 އަސީރުން ދޫކޮށްލާށެވެ. އަދި ބަދަލުގައި 1900 ފަލަސްތީނު މީހުން މިނިވަން ކުރާށެވެ. އަދި ޣައްޒާގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުން އިސްރާއީލު ސިފައިން އަނބުރާ ގެންދިއުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުން އެ ހުސަހެޅުމުގައި ހިމެނުނު ކަމަށެވެ. އަދި ދާއިމީ ހަނގުރާމަ ހުއްޓުވުމާއި، އިތުރު ފަލަސްޠީނު މީހުން ދޫކޮށްލުމާއި، އިސްރާއީލު ސިފައިން އެއްކޮށް އަނބުރާ ގެންދިއުމާއި، އަލުން ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ފެށުން އޭގައި ހިމެނުނު ކަމަށެވެ.
ނަމަވެސް އިސްރާއީލުން ދެވަނަ ފިޔަވަހި ތަންފީޒުކުރަން އިންކާރުކުރުމާއެކު އެއްބަސްވުން ވަޅު ޖެހުނީ ކަމަށް ބަސްކިން ބުނެއެވެ. އޭގެ ފަހުން މަސްތަކެއް ނުވަނީސް ޣައްޒާ ބަނޑަށް ޖެއްސި ކަމަށާއި އަދި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި އަލުން މި އެއްބަސްވުން ހުށަހެޅީ ކަމަށެވެ. މިފަހަރު މިކަން ކާމިޔާބު ވާން މެދުވެރިވީ ޓްރަމްޕްގެ ފަރާތުން ނެތަންޔާހޫއަށް ފިއްތުމާއި، ގަތަރު، ތުރުކީ އަދި މިސްރުން މިކަމަށް ބާރުއަޅައި 20 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް ކަމަށް އަލުން މިވާހަކަތައް ވުޖޫދަށް ގެނައުމުންނެވެ.





