ޖެނޮސައިޑް ހުއްޓާލުމަށާއި އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގައި ހިމެނޭ "ސިއްރު މާއްދާތަކެއް" ކަމަށް ސިފަކުރާ މާއްދާތަކުގެ ތަފްސީލު އިސްރާއީލުގެ މީޑިއާއިން ހާމަކޮށްފި އެވެ.
އެ މާއްދާތަކުގެ ސަބަބުން ދިގު މުއްދަތުގެ ސުލްހައިގެ ފުރުސަތުތައް ހަނިވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެއެވެ. އިސްރާއީލުގެ ސިފައިންގެ ރޭޑިއޯއިން މީގެ ބައެއް ތަފްސީލުތައް ގެނަސްދީފައި ވެއެވެ. އޭގައި ހިމެނެނީ:
އަޤްޞާ ޠޫފާނަށް ފަހު މިސްރަށް ފިލައިގެން ދިޔަ މީހުން ފުރަތަމަ ފަހަރަށް، ރަފަހު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަނުން ހުއްދަ ކުރާ ކަމަށެވެ.
އދ.ގެ ބެލުމުގެ ދަށުން ދުވާލަކު އެހީގެ 600 ލޮރި ވަނުމަށް ހުއްދަ ދޭ ކަމަށެވެ. މި ލޮރިތަކުގައި ކާބޯތަކެއްޗާއި ބޭހާއި ބޯހިޔާވަހިކަމުގެ ސާމާނާއި ތެލާއި ކެއްކުމަށް ބޭނުންކުރާ ގޭސް ގެންދެވެއެވެ. އަދި މި ލޮރިތަކަށް ޣައްޒާގެ ދެކުނުން އުތުރަށް ސަލާހުލްދީން މަގާއި އައްރަޝީދު މަގުން މިނިވަންކަމާއެކު ދަތުރުކުރުމުގެ ހުއްދަ ދެވޭނެއެވެ.
އަދި ޖެނުއަރީ 2025 ގައި އެއްބަސްވެފައިވާ ގޮތަށް ޣައްޒާގެ ރައްޔިތުންނަށް ރަފަހަ މެދުވެރިކޮށް މިސްރަށް ދަތުރުކުރެވޭނެ އެވެ.
ޣައްޒާއިން ބޭރަށް ދާން ބޭނުންވާ ކޮންމެ މީހަކަށްވެސް އެފުރުސަތު އޮންނާނެއެވެ.
ޖެނޮސައިޑް ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް މިސްރު މެދުވެރިކޮށް ޣައްޒާއިން ބޭރުވި ޣައްޒާގެ މީހުންނަށް ވެސް އެނބުރި ވަދެވޭނެއެވެ. ނަމަވެސް އެކަން ހިނގާނީ ޤާހިރާއާ އެކު އެއްބަސްވެފައިވާ ގޮތެއްގެ މަތިންނެވެ.
އިޒްރޭލުގެ ކާން ޜޭޑިއޯ އިން ބުނިގޮތުގައި އެފަރާތަށް ލިބިފައިވާ ސަފްހާއެއްގައި ހަނގުރާމަ އެއްކޮށް ނިންމުމަށް އެއްބަސްވާކަމަށް ބުނާ ސަފްހާއެއްވެސް ވެއެވެ.
މެދިވެރިންނަށްވި ގައުމުތަކުން ސޮއިކޮށްފައިވާ ސަފްހާގައި ވަނީ އެއްކޮށް ހަނގުރާމަ ނިންމަނ އިސްރާއީލާއި ހަމާސް އެއްބަސްވާ ކަމަށެވެ. އަދި ވައުދު ވަނީ ހަމައެކަނި ފުރަތަމަ މަރުހަލާ ތަންފީޒު ކުރަން އެކަނި ނޫން ކަމަށެވެ.
އެ ލިޔުމުގައި ހިމެނޭ ޝަރުތުތަކުގެ ދަށުން އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ އަސީރުންގެ ހަށިގަނޑާ ގުޅޭ ގޮތުން ހަމާސްއަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް ގަތަރާއި މިސްރާއި ތުރުކީ އަދި ރެޑްކްރޮސްގެ ބައިނަލްއަގްވާމީ ކޮމިޓީ ހިމެނޭ ޖޮއިންޓް ޓާސްކް ފޯހަކާ ހަވާލުކުރަން ޖެހެ އެވެ.
އަދި ދިރިތިބި ޔަހޫދީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރަން ޖެހޭނީ މީޑިއާއަށް އެންގުމަކާ ނުލައި ރަސްމިއްޔާތެއް ނު ބާއްވައި ފޮޓޯ ނެގުމަކާ ނުލައެވެ.
އަދި އެކަންކަން ބަލަހައްޓަން އެމެރިކާ، ގަތަރު، މިސްރު، ތުރުކީ އަދި ދެ ފަރާތުން އެއްބަސްވާ އެހެން ކޮންމެ ގައުމަކުން ވެސް ޓާސްކް ފޯހުގައި ބައިވެރި ވެވިދާނެ އެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިން ފަހަތަށް ޖައްސާތާ 72 ގަޑިއިރު ފަހުން ހަމާސް އިން ދިރިތިބި 20 އަސީރުންނާއި މަރުވެފައިވާ 28 އަސީރުންގެ ހަށިގަނޑު ހަވާލު ކުރާނެ އެވެ.
ފަލަސްޠީނުގެ އަސީރުން ދޫކުރަން ފަށާނީ ޔަހޫދީން ދޫކޮށްލާ ފަހުންނެވެ. ފަލަސްޠީނުގެ އަސީރުން މިނިވަން ކޮށްލާއިރު އޭގެ ތެރޭގައި އުމުރު ދުވަހުގެ ހުކުމް ތަންފީޒު ކުރަމުންދާ 250 މީހުންނާއި، އަޤްޞާ ޠޫފާނުގައި ބައިވެރި ނުވާ 1،700 ޣައްޒާގެ މީހުންނާއި، 22 ކުޑަކުދިން ހިމެނޭނެ އެވެ.
އަދި މަހާނަތަކުން ވަގަށް ނަގާފައިވާ ގަބުރުތަކާއި އިސްރާއީލުން މަރާފައިވާ ފަލަސްތީނުގެ މުޖާހިދުންގެ 360 މީހުންގެ ހަށިގަނޑު ވެސް އަނބުރާ ހަވާލު ކުރާނެއެވެ.
އިސްރާއީލުގެ ހުރިހާ އަސީރުންގެ ގަބުރުތައް ހަވާލު ނުކުރަނީނަމަ އެއްބަސްވުމުގައި ހިމެނޭ އަސްކަރީ ހަމަލަތައް (ޖެނޮސައިޑް) ފަށާނެ ކަމަށް ބުނާ މާއްދާއަށް އިސްރާއީލުން އަމަލުކޮށް އަލުން (ޖެނޮސައިޑް) ފަށާނެއެވެ.
އެ ޑޮކިއުމެންޓާ ބެހޭ ގޮތުން އަހުލުވެރި އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ ކާން ރޭޑިއޯ 11 އިން ބުނާ ގޮތުގައި މި މާއްދާއަކީ ސާފު ނޫން ގޮތަށް ލިޔެފައިވާ މާއްދާއެކެވެ.
އަދި އެފަރާތުން ބުނިގޮތުގައި ހަމާސްގެ ބިރަކީ އެމެރިކާއާއި އިސްރާއީލުން ސިއްރުން އަޑިއަޑިން ނުބައި ހަދަން ރާވަފާނެ ކަމުގެ ބިރެވެ.
އަދި އިސްރާއީލަށް އަސީރުން ލިބުމަށްފަހު އަލުން ޖެނޮސައިޑް ފަށާފާނެ ކަމުގެ ބިރު އޮތް ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. އަދި މީގެ ކުރިންވެސް އިސްރާއީލު މިގޮތަށް ކަން ކޮށްފައިވާނެ ކަމަށް ބުނެ ހަމާސްއިން ޝަކުވާ ކޮށްފައި ވެއެވެ.
އެވާހަކައިގެ ޖަވާބުގައި އިސްރާއީލުގެ މަންދޫބުންގެ ފަރާތުން އިސްރާއީލުގެ ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ރޮން ޑަރްމަރް ލިޔެކިޔުމުން މެދުވެރި ގައުމުތަކަށް ޔަގީންކަން ދީފައި ވަނީ "ހަމާސް އިން އެއްބަސްވުމުގެ ޝަރުތުތަކަށް ތަބާވާނަމަ އިސްރާއީލުން ސޮއިކުރި ގޮތަށް އެއްބަސްވުން ތަންފީޒު ކުރަމުން ގެންދާނެ(!)" ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް "އިސްރާއީލުން ވައުދުވާ" ކަމަށާއި، ހަމާސްއަށް މެދުވެރިންގެ ފަރާތުން އެގެރެންޓީ ދީފައިވާ ކަމަށެވެ.
ޔަހޫދީންގެ މީޑިއާއިން އޮބްޒާވަރުންނާ ހަވާލާ ދީ ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކަކީ އިސްރާއީލާއި ހަމާސް އިން އެއްބަސްވުމުގެ ޝަރުތުތައް ދަމަހައްޓާތޯ ބެލުމުގެ ފުރަތަމަ އިމްތިހާނެވެ. މީގެ ކުރިން ޣައްޒާ، ލުބުނާން އަދި އެހެނިހެން ހަނގުރާމަ ހުއްޓާލުމުގެ އިންތިޒާމުތަކާ ޔަހުދީން ގިނަފަހަރަށް ޚިލާފްވެފައި ވަނީ ފަހުގެ މަރުހަލާގައި މާނަ ކުރުމުގެ ތެރޭންނެވެ.





